ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ޕޯޗުގަލް އަދި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޔުވެންޓަސް އިން 100 މިލިއަން ޔޫރޯގެ ބިޑެއް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ރެއާލް ދޫކޮށްލަން ރޮނާލްޑޯ އުޅޭކަމުގެ އަޑުތައް ގަދަވެފައިވާއިރު "ސްކައި ސްޕޯޓްސް" އަދި "ބީބީސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުވެންޓަސްގެ މި ހުށަހެޅުމާ މެދު ރެއާލް އިން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވިއްކާލަން ރެއާލް އިން ނިންމައިފިނަމަ ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ނޫނީ ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް ގެނައުމަށް ރެއާލް އިން މަސައްކަތް ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯ ރެއާލް ދޫކޮށްލަން އުޅޭކަމަށް ރިޕޯޓުތައް ބުނާއިރު މިދިޔަ މޭ މަހު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްފަހު ރޮނާލްޑޯ ވަނީ ކުރިމަގާ މެދު ސަޕޯޓަރުންނަށް ވަރަށް އަވަހަށް ޖަވާބެއް ދޭނެ ކަމަށް ބުނެފައެވެ.

ރޮނާލްޑޯ ގެންނަން ޔުވެންޓަސް އިން ޝައުގުވެރިވާއިރު އެ ކްލަބުގެ މެނޭޖިން ޑިރެކްޓަރު މަރޯޓާ އިއްޔެ ވަނީ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ޖަވާބުދޭން ދެކޮޅު ހަދާފައެވެ.

"ތިކަމާ ގުޅޭގޮތުން ވާހަކަދައްކާކަށް އަހަރެން ނެތިން" ރޮނާލްޑޯއާ ގުޅޭގޮތުން ސުވާލުކުރުމުން މަރޯޓާ ބުންޏެވެ.

2009 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ރެއާލް އަށް ބަދަލުވި ރޮނާލްޑޯ އަކީ އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ ވަނީ ރެއާލް އަށް މިހާތަނަށް 451 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މީގެއިތުރުން ރޮނާލްޑޯ ވަނީ ރެއާލްއާއެކު ހަތަރު ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު އަދި ދެ ފަހަރެއްގެ މަތިން ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ.

ރޮނާލްޑޯ ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރުއެވެ.