އިޓަލީގެ އެންމެ ކާމިޔާބު ކުލަބު ޖުވެންޓަސްގައި 17 އަހަރު ހޭދަކުރުމަށް ފަހު އިޓަލީގެ ކީޕަރު ޖިއާންލުއިޖީ ބުފޮން ފްރާންސްގެ ޕީއެސްޖީއާއި ގުޅިއްޖެއެވެ.

މިއަހަރުގެ އިޓާލިއަން ލީގުގެ ޗެންޕިއަންކަން ޔުވެންޓަސް ހޯދި މެޗަށް ފަހު ޔުވެންޓަސް ދޫކޮށްލާނެކަމަށް ބުފޮން ބުނެފައިވާއިރު ޔުވެންޓަސް ދޫކޮށް އޭނާ ދެން ގުޅޭނެ ކުލަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް ރަނގަޅު އޮފާތަށް ލިބިފައިވާ ކަމުގައި ބުފޮން މީގެ ކުރިން ބުނެފައިވެއެވެ.

ޔުވެންޓަސް ދޫކޮށްލުމަށް ފަހު ފްރާންސްގެ ޕީއެސްޖީއަށް އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ބުފޮން ގުޅުނުއިރު ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު ބުފޮން ބުނެފައިވަނީ ޕީއެސްޖީއާއި ގުޅުމަކީ އޭނާ ވަރަށް ވިސްނުމަށް ފަހު ނިންމި ނިންމުމެއް ކަމަށާއި ޕީއެސްޖީއިން އޭނާގެ ނިންމުން ގަބޫލުކޮށް އޭނާއަށް އެހާބޮޑު އިތުބާރެއް ކުރީތީ ޝުކުރު އަދާކުރާ ކަމަށެވެ.

"އަހަރެންގެ ހަޔާތުގައި އިޓަލީ ދޫކޮށް އެހެން ކުލަބަކަށް ގުޅުނު ފުރަތަމަ ފަހަރު މިއީ. އަހަރެން މި ނިންމުން ނިންމީ ވަރަށް ނިންމާފަ. އަދި އަހަރެން ޕީއެސްޖީގެ މެނޭޖުމެންޓަށް ޝުކުރު އަދާކުރަން. އެއީ އަހަންނަށް މިހާބޮޑު އިތުބާރެއް ކުރީތީ" ބުފޮން ބުނެފައިވެއެވެ.

އަދި އޭނާގެ ތަޖުރިބާ ބޭނުންކޮށް ޕީއެސްޖީއަށް ކާމިޔާބު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުފޮން ބުނެފައިވެއެވެ.

އުމުރުން 40 އަހަރުގެ ބުފޮން އަކީ ދުނިޔެ ދުށް އެންމެ މޮޅު ގޯލު ކީޕަރުންގެ ތެރެއިން އެއް ކީޕަރެވެ،

2001 ވަނަ އަހަރު ޕާމާ އިން ރެކޯޑް އަގަކަށް ޔުވެންޓަސްއާ ގުޅުނު ބުފޮން ވަނީ އެ ކްލަބަށް 656 މެޗު ކުޅެދީ 20 ތަށި އެ ކްލަބާއެކު ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ނުވަ އިޓާލިއަން ލީގު ތަށްޓާއި ހަތަރު އިޓާލިއަން ކަޕް ތަށި ހިމެނެއެވެ.