ބަންގްލަދޭޝް އިން އެންމެ ބޮޑަށް ބޭނުންވީ ރާއްޖޭގެ ޕްލޭމޭކަރ އިބްރާހިމް އައިސަމް ގޭމުން ބޭރުކޮށްލުމަށް ކަމަށާއި އެކަން ހާސިލުވުމުން އެ ޓީމަށް ކުޅެން ފަސޭހަވިކަމަށް ބަންގްލަދޭޝްގެ ޕޯޗުގީޒް ކޯޗު މާރިއޯ ލެމޯސް ބުނެފިއެވެ.

މަހިންދަ ރާޖަޕަކްސް ޓްރޮފީގައި އިއްޔެއަކީ ބަންގްލަދޭޝް ފުޓުބޯޅައަށް ބޮޑު ދުވަހެކެވެ. އެ ގައުމުން ވަނީ ރާއްޖެ 2-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. މިއީ އެ ގައުމުގެ ފުޓުބޯޅަ ތާރީހުގައި 18 އަހަރަށްފަހު ރާއްޖެ އަތުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ.

މެޗަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން ބަންގްލަދޭޝްގެ ކޯޗު ބުނީ އެންމެ ބޮޑަށް ބޭނުންވީ އައިސަމް ގޭމުން ބޭރުކޮށްލުން ކަމަށާއި ރާއްޖެ މިހާރު ކުޅޭ ފުޓުބޯޅައަށް ބަލާއިރު އޭނާއަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.

"މުޅި މެޗުގައި ވެސް އަހަރެމެން އައިސަމް ކައިރީގައި އެއް ކުޅުންތެރިއަކު ބަހައްޓަން، އެހިސާބުން ރާއްޖޭގެ އައިސަމް އަހަރެމެންނަށް ހުއްޓުވުނީ" މެޗަށްފަހު ލެމޯސް ބުންޏެވެ.

މެޗަށްފަހު ބަންގްލަދޭޝްގެ ކޯޗު ލެމޯސް ނޫސްވެރިންނާއި ވާހަކަދައްކަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ލެމޯސް ބުނީ އެންމެ ބޮޑަށް މަސައްކަތްކުރީ ރާއްޖެ ލައްވާ ދިގު ބޯޅައެއް ކުޅުވަން ކަމަށެވެ. އަދި ރާއްޖޭގެ މެދުތެރެއަށް ބޯޅަ ނުދެވޭގޮތަށް ކަންކަން ކުރުމަށް ކަމަށްވެސް ބުންޏެވެ.

"ފަޔަށް ނުކުޅޭ ގޮތް ހަދައިފިއްޔާ ރާއްޖޭގެ ފޯވާޑަކަށް ހުރި އަލީ އަޝްފާގަށް ކުޅެވޭނީ މަދު ބޯޅައެއް. އޭނައަށް ވެސް ބެލިން. ދެން ރާއްޖޭގެ ފުލްބެކުން ކުރިއަރާ ވަގުތު ހުސްވާ ޖާގަ އަށް ކައުންޓަ އެޓޭކްކުރަން ޓާގެޓްކުރީ،" މެޗަށްފަހު ބަންގްލަދޭޝްގެ އުކުޅުތައް ކިޔައިދެމުން ކޯޗު ބުންޏެވެ.

ލެމޯސް ބުނީ މުޅި މެޗުގައި ވެސް ބަންގްލަދޭޝްއަށް ހެދުނީ އެއް ގޯސްކަމަށާއި އޭގެ އަގު ދައްކަން ޖެހުނުކަމަށެވެ. އަދި މުބާރާތް ކާމިޔާބުކުރަން ބޭނުންނަމަ ރާއްޖެ ޖެހި ކަހަލަ ލަނޑެއް ދެން ޖެހުމުގެ ފުރުސަތު ދީގެންނުވާނެ ކަމަށެވެ.

މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަށްވެސް އެބައޮތެވެ. ރާއްޖެ ޖެހޭނީ ސީޝެލްސް ބަލިކުރާށެވެ. އެއްވަރުވިޔަސް ރާއްޖެއަށް ފައިނަލުން ޖާގައެއް ނުލިބޭނެއެވެ. ރާއްޖެއާއި ސީޝެލްސް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަދުވަހު އެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަގޭހިޔާލު

    ހުއްޓުވަންޖެހޭ ވަރުގެ ކުޅުންތެރިއަކު މިހާރު ގައުމީ ޓީމުގައި ނެތް

    3
    1
  2. ތަރު

    ސާބަހޭ އައިސަމްބޭ

  3. ޙަަަހަ

    ކޯޗުގެ މިވަހަކަތަކުން ރާއްޖޭގެ ކޯޗުން އިބުރަތް ނަގަންވީ ، ކިތަންމެ މޮޅުޓީމަކަށްވެސް މޮޅެއްނުވެވޭނެ އިދިކޮޅުން ކުޅޭ ގޭމް ބަލާގެންނޫނީ ، އެމީހުންގެ ފެންވަރުން އެމީހުންނަށް ކުރެވޭނެކަންކަން ބަލާފައޭނީ ،