ލަންކާގައި މިހާރު ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް 1-2 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތް ބާއްވާ ގައުމު ސްރީލަންކާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއީ ލަންކާގެ ފުޓުބޯޅައިގައި ބޮޑު ކާމިޔާބީއެކެވެ. މި މެޗުން މޮޅުވުމާއެކު ދަނޑުމަތީގައި އެވަގުތު ތިބި ލަންކާގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް އުފަލުން ރޮވުނެވެ. އެންމެ ބޮޑު އުފަލެއް ލިބުނު އެއް ކުޅުންތެރިއަކީ އެ ޓީމުގެ ކެޕްޓަން އަދި ކީޕަރު ސުޖަން ޕެރޭރާއެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ލަންކާއިންނެވެ. އެގޮތުން އެޓީމުން ދިޔައީ ބަންގްލަދޭޝްގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. ހީކުރި ހިލާފަށް މެޗުގައި ފުރަތަމަ ލަނޑު ޖަގާ ލީޑު ނަގާފައިވަނީ ސްރީލަންކާއިންނެވެ.

ބަންގްލަދޭޝް އާއި ލަންކާ ކުޅުނު މެޗުގެތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ލަންކާގެ މި ލަނޑު ރަޒީކް ކާމިޔާބުކުރިއިރު، ނަތީޖާ ހަމަހަމަ ކުރަން ބަންގްލަދޭޝް އިން ދިޔައީ މަސައްކަތްކުރަމުންނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމިފައިވަނީ ބަންގްލަދޭޝްއަށް ލަންކާގެ ގޯލު ފޫ އަޅުވާލެވޭ ގޮތް ނުވެ، 0-1 ގެ ނަތީޖާއިން އަމިއްލަ ދަނޑުގައި ލަންކާއިން ބަންގްލަދޭޝްގެ މައްޗަށް ކުރީގައި އޮވެގެންނެވެ.

ބަންގްލަދޭޝް އިން ފައިނަލުގެ އުންމީދު އާކުރީ 77 ވަނަ މިނެޓުގައި ރަނާ ކާމިޔާބުކުރި ލަނޑުންނެވެ. ބަނަގްލްދޭޝް އިން ދެކެމުން އައި ހުވަފެން، މެޗުގެ އެންމެ ފަހުވަގުތު ސްރީލަންކާއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ފެނަށް ދުއްވާލީ މެޗުގެ ލީޑުވެސް އެޓީމަށް ނަގައިދިން ރަޒީކްއެވެ.

ބަންގްލަދޭޝް އިން ލަންކާއާއި އެއްވަރުކުރުމަށް ފަހު-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މިއާއެކު، ސްރީލަންކާ އިން މުބާރާތެއްގެ ފައިނަލު ކުޅުމަށް ކުރަމުން އައި 15 އަހަރުގެ ދިގު އިންތިޒާރަށް ވަނީ ނިމުމެއް އައިސްފައެވެ. އެޓީމު އެންމެ ފަހުން ފައިނަލެއް ކުޅެފައިވަނީ 2006 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައެވެ.

އަމިއްލަ ގައުމުގައި 1995 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުން ފިޔަވައި، އިތުރު ކާމިޔާބީއެއް ހޯދިފައިނުވާ ސްރީލަންކާ އިން ފޯ ނޭޝަންސް ކަޕްގެ ފައިނަލުގައި އަންނަ ހުކުރު ދުވަހު ނިކުންނާނީ މިއަދު ރާއްޖެ ކަޓުވާލި ސީޝެލްސްއާ ދެކޮޅަށެވެ.