މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރައިނާ ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ކުލަބުން ކުރިޔަށް ކުޅެން އޮތް މުހިއްމު ތިން މެޗުން އޭނާއަށް ފުރުސަތު ގެއްލިއްޖެއެވެ.

ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ މިވަގުތު ހުރީ ކޮވިޑަށް ފައްސިވުމާއި ގުޅިގެން 10 ދުވަހުގެ އައިސޮލޭޝަނެއްގައެވެ.

އެއާއެކު އެންމެ ބޮޑު ކަންބޮޑުވުމަކާ ކުރިމަތިލާން ޖެހިފައިވަނީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާއަށެވެ. އޭނާ ކޮވިޑަށް ފައްސިވިކަން އެނގުނީ އިންޓަނޭޝަނަލް ބްރޭކަށްފަހު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ކުރިން ހެދި ޓެސްޓުތަކުންނެވެ.

ކެވިން ޑިބްރައިނާ އައިސޮލޭޝަންގައި ހުންނަން ޖެހުމުގެ ސަބަބުން މާދަމާ އެވަޓަންއާއި ދެކޮޅަށް ކުޅެންޖެހޭ ލީގު މެޗާއި އަންނަ ބުދަދުވަހު ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ދެކޮޅަށް ކުޅެންޖެހޭ މެޗުގެ އިތުރުން ލީގުގައި ވެސްޓްހޭމް އާ ދެކޮޅަށް ނޮވެމްބަރ 28 ގައި ކުޅޭ މެޗު ގެއްލޭނެއެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ކެވިން ކޮވިޑަށް ފައްސިވިކަން އެނގުނީ އޭނާ އިނގިރޭސިވިލާތަށް އައުމަށްފަހު މީގެ ދެ ދުވަސްކުރިން ގުޅާފައި އެ ވާހަކަ ބުނުމުން ކަމަށެވެ.

"އަހަންނަށް މާ މުހިއްމު ކުޅުންތެރިންގެ ސިއްހަތު، ކެވިން ނެތުން އަހަންނަށް އުނދަގޫވާނެ، އެކަމަކު މިކަމަކީ އަހަރެންގެ ބާރުގައި އޮތް ކަމެއްނޫން، ރަނގަޅުވެގެން އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރުކުރާނަން، އައިސޮލޭޝަނުން ސަލާމަތްވިހާ އަވަހަށް ފަރިތަކުރުންތައް ފަށަން ބުނާނަން" ގާޑިއޯލާ ބުންޏެވެ.

މި ސީޒަނުގައި ކެވިން ޑިބްރައިނާގެ ހަގީގީ ފޯމުގައި ކުޅޭތަނެއް އަދި ނުފެނެއެވެ. މި ސީޒަން ފެށުމަށްފަހު އޭނާ ވަނީ ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރުގައި ހުރެފައެވެ.