މެންޗެސްޓާ ސިޓީއާ ކެޕްޓަނަކަށް ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑީ ބްރޭނާ ހަމަޖައްސައިފިއެވެ.

ކޮންމެ ސީޒަނެއް ފެށުމުގެ ކުރިން މެންޗެސްޓާ ސިޓީން ކެޕްޓަނަކާއި ވައިސް ކެޕްޓަނެއް ކަނޑައަޅައެވެ. މިފަހަރު ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ ޖަރުމަނުގެ އިކޭ ގުންޑޮގޮންއެވެ. އަދި ވައިސް ކެޕްޓަނަކަށް ހަމަޖެއްސީ ކެވިން ޑި ބްރޭނާ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

ކެޕްޓަނަކަށް ގުންޑޮގޮން ހަމަޖެއްސީ، އެ ކުލަބަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ފެނާންޑީނިއޯ ނުވަ އަހަރު ހޭދަކުރުމަށް ފަހު އެ ކުލަބު ދޫކޮށް ދިއުމުންނެވެ.

ޕްރިމިއާ ލީގުގައި މިހާތަނަށް ސިޓީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، އެ ކުލަބު އޮތީ ތާވަލްގެ އެއްވަނައިގައެވެ. އެގޮތުން ލީގުގެ ފުރަތަމަ މެޗުގައި ސިޓީން ވަނީ ވެސްޓްހަމް ޔުނައިޓެޑް 2-0 އިން ބަލިކޮށްފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ސިޓީން ވަނީ ބޯންމައުތު 4-0 އިން ބަލިކޮށްފައެވެ.

މި މެޗުގައި ސިޓީގެ ދެ ކެޕްޓަނުންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން އެ މެޗުގައި ގުންޑޮގޮން އާއި ކެވިން ޑި ބްރޭނާ ވެސް ވަނީ ގޯލެއް ޖަހައިފައެވެ. އަދި މި މެޗުގައި ކެވިން ޑި ބްރޭނާ ވަނީ އެއް ގޯލް ޖަހައި ދިނުމަށް އެހީތެރިވެ ދީފައެވެ.

ދެ މެޗުން މޮޅުވެ، ސިޓީ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓް ލިބިގެންނެވެ.

މެންޗެސްޓާ ސިޓީން މިހާރު އަމާޒު ހިފާފައި ހުރީ ކޯޗު ޕެޕް ގާޑިއޯލާއެކުގައި ފަސް ވަނަ ޕްރިމިއާ ލީގުގެ ތަށި އުފުލާލުމަށެވެ. ސިޓީ ކުޅުނު ފަހު މެޗަށް ފަހު ގާޑިއޯލާ ވަނީ ޑި ބްރޭނާ އަށް ތައުރީފްކޮށްފައެވެ.

ގާޑިއޯލާ ބުނީ މިދިޔަ ސީޒަނުން ފެށިގެން ކެވިން ޑި ބްރޭނާ ފާހަގަ ކުރެވިފައި ވަނީ ގޯލް ޖެހުމަށް އެހީތެރިވާ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު، މިހާރު އޭނާއަކީ ގޯލް ޖެހުމަށް ކުޅުންތެރިންނަށް އެހީތެރިވުމުގެ އިތުރުން ގޯލް ވެސް ޖަހަމުން އަންނަ ކުޅުންތެރިއެއް ކަމަށް ގާޑިއޯލާ ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޞއދު

    ޑިބްރޭނާގެ މި ނޫން ފޮޓޯއެއް ލައި ދިނުމަށް ވަގުތުގެ އަރިހުން އެދެން .. ފޮޓޯގައިވާ ބޭންޑްގެ ކުލަ ކަމަކުނުދޭ. ޝުކުރިއްޔާ