ބަންގްލަދޭޝްގައި މާދަމާ ފަށާ ބަންގްލަދޭޝް އިންޓަނޭޝަނަލް ޗެލެންޖްގައި ރާއްޖޭގެ ފަސް ކުޅުންތެރިއަކު ވާދަކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ފަރާތުން ވާދަކުރަނީ މި އަހަރުގެ ގައުމީ އަންހެން ޗެމްޕިއަން ކަން ދިފާއު ކުރި ފާތިމަތު ނަބާހާ އާއި ބެޑްމިންޓަންގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ އައިމިނަތު ނަބީހާ އާއި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ފަރާތުން ޒަޔާން ޒަކީ، ރިޝްވާން ޝިޔާމް އަދި ހައިޝަމް އިބްރާހިމް އަލީއެވެ.

ރިވައިވަލްގެ ކޯޗު ނަޝްފާން މުހައްމަދު ވެސް ވަނީ ޓީމާ އެކުގައި ވަނީ ބަންގްލަދޭޝް އަށް ފުރައިފައެވެ.

ބަންގްލަދޭޝް އިންޓަނޭޝަނަލް ޗެލެންޖް އޮންނާނީ މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ނަބާހާ އާއި ނަބީހާ ސިންގަލްސްގައި ވާދަކުރުމުގެ އިތުރުން އަންހެން ޑަބަލްސްގައި ވެސް ވާދަކުރާނެއެވެ. ޒަޔާން އަށް ފިރިހެން ސިންގަލްސްގެ މެއިންޑްރޯގައި ވާދަކުރާ އިރު ޒަޔާން އާއި ނަބާހާ ޕެއާ މިކްސް ޑަބަލްސްގައި ވާދަކުރާނެއެވެ.

ހައިޝަމް އާއި ރިޝްވާން ވާދަކުރާނީ ފިރިހެން ސިންގަލްސްގެ ކޮލިފައިންގައެވެ. ހައިޝަމް، ބަންގްލަދޭޝްގައި ކުރިއަށްދާ ޖޫނިއާ ސީރީޒްގައި ވާދަކުރުމަށް ހަމަޖެހިފައިވެއެވެ.

ގައުމީ ބެޑްމިންޓަން ޓީމާއި ރިވައިވަލް އިން ވަނީ ދާދި ފަހުން ބަހްރޭންގައި ބޭއްވި އިންޓަނޭޝަނަލް ސީރީޒްގައި ވެސް ވާދަކޮށްފައެވެ. އެކަމަކު ދިވެހި ކުޅުންތެރިންނަށް އެ މުބާރާތުގައި މާ ބޮޑު ކާމިޔާބެއް ނުލިބެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ބަނގްލާދޭޝްގަ ކުޅެފަ ކޮންމެވެސް ވަރެއް ވެދާނެ ފަހަރެއްގަ. ކިރިޔާވެސް ކުޅެވޭބަޔަކާ ޖެހިއްޖެއިޔާ ނިމުނީ. އޮލިމްޕިކް ޓޯނަމެންޓަށް ގޮސް ފަހަތުން އެއްވަނަ