އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިން ބެޑްމިންޓަން ސިންގަލްސް އަދި މިކްސް ޑަބަލްސް އިވެންޓްގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގައި މިއަދު ކުޅުނު ސިންގަލްސް އިވެންޓްގެ ފުރަތަމަ ބުރުގެ މެޗުތަކަށްފަހު ރާއްޖޭގެ މުޙައްމަދު އަޖުފާން ރަޝީދު، އަހުމަދު ތޯއިފް މުޙައްމަދު އާއި އައިޝަތު ޝަހުރުނާޒް އަދި އައިޝަތު އަފްނާން ރަޝީދު ވަނީ ގަދަ 16 އިން ޖާގަ ހޯދާފައެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި އަހުމަދު ނިބާލްގެ އިތުރުން ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) އަދި އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) ވަނީ ފުރަތަމަ ބުރުގައި ވާދަނުކޮށް، ސީދާ ގަދަ 16 އަށް ކޮލިފައިވެފައެވެ. އަދި މިކްސް ޑަބަލްސް އިވެންޓްގެ ގަދަ 16 އަށް ވެސް ޒަޔާން އާއި ނަބާގެ ޕެއާ އަދި ނިބާލް އާއި ނަބީގެ ޕެއާ ވަނީ ކޮލިފައިވެފައެވެ.

މިއަދު ކުޅުނު ފިރިހެން ސިންގަލްސް އިވެންޓްގެ ފުރަތަމަ ބުރުގެ މެޗުގައި އަޖުފާން ވަނީ ވަރަށް ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މަޔޯޓްގެ ކޮރެންޓިން ލެޕޮއިވްރޭ އަތުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް އަޖުފާން ކާމިޔާބުކުރީ 21-02، 21-02 އިންނެވެ. މި އިވެންޓްގެ ފުރަތަމަ ބުރުގައި ދެން ވާދަކުރި ތޯއިފް ވަނީ ސީޝެލްސްގެ ޖީ ލުއޯ އަތުން 2-1 ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ތޯއިފް ގެންދިޔައީ 21-19، 19-21 އަދި 30-29 އިންނެވެ.

މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގައި ރާއްޖޭގެ އަފްނާން ވަނީ ރީޔޫނިއަންގެ މަރީނާ ބިއެލްއާ ވާދަކޮށް 21-11، 21-16 އިން ކުރިހޯދާފައެވެ. ފުރަތަމަ ބުރުގައި ރާއްޖޭން ދެން ވާދަކުރި ޝަހުރުނާޒް ވަނީ މަޔޯޓްގެ ސާރާ މިނާސް އަތުން 21-06، 21-04 އިން މޮޅުވެފައެވެ.

މިކްސް ޑަބަލްސް އިވެންޓްގެ ފުރަތަމަ ބުރުގައި އަޖުފާން އާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން މަޔޯޓްގެ މެތިއު ގޫޒޫ އާއި އިންޖިލާ އަބަނޫރްގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ރާއްޖޭގެ ޕެއާ ކާމިޔާބުކުރީ 21-03، 21-08 އިންނެވެ. މި އިވެންޓްގައި ދެން ވާދަކުރި ރާއްޖޭގެ ތޯއިފް އާއި އަފްނާންގެ ޕެއާ ވަނީ މަޑަގަސްކަރަގެ ރާޒާފިމަހާތުރަތުރާ އާއި ރާޒާފިއާރީމަލާލާގެ ޕެއާ އަތުން 21-09، 22-20 އިން މޮޅުވެފައެވެ.

މި މުބާރާތުގެ އިންޑިވިޖުއަލް އިވެންޓްގެ ގަދަ 16 ގެ ބުރުގައި ރާއްޖޭގެ ހަތަރު އަންހެން ކުޅުންތެރިންނާއި، ހަތަރު ފިރިހެން ކުޅުންތެރިން ވާދަކުރާނެ އެވެ. އަދި މިކްސް ޑަބަލްސް އިވެންޓްގައި ރާއްޖޭގެ ހަތަރު ޕެއާ އެއް ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

މި ފަހަރުގެ އައިއޯއައިޖީގައި ގައުމީ އަންހެން އަދި ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ޓީމް އިވެންޓްގައި ރިހި މެޑަލް ހާސިލްކޮށްފައެވެ.