އިނގިރޭސި ކުލަބް ޓޮޓެންހަަމް ހޮޓްސްޕާސް އަށް ކޮވިޑުގެ ބިޔަ ރާޅަކާއި ކުރިމަތިވެ ޓީމުގެ އެތެރޭގައި މިހާތަނަށް 13 މީހެއް ކޮވިޑަށް ފައްސިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިހާ ގިނަ އަދަދެއްގެ މީހުން އެއް ޓީމެއްގެ ތެރެއިން ކޮވިޑަށް ފައްސިވެފައިވާ އިރު އެ ޓީމަށް ކުރިޔަށްހުރި މެޗުތަކަށް މިއީ އެޅޭނެ ބޮޑު ހުރަހެކެވެ. ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް އެ ޓީމުގެ ތެރެއިން ފައްސިވި މީހުންގެ ތެރޭގައި ސީނިއާ ޓިމުގެ 8 ކުޅުންތެރިން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. ދެން ހިމެނެނީ އޮފިޝަލުންނެވެ.

މި ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ފައްސިވިކަން ހާމަވީ އަންނަ ބުރާސްފަތި ދުވަހު ފްރާންސްގެ ރެންއާއި ދެކޮޅަށް ކުޅޭ ޔުއެފާ ކޮންފަރެންސް ލީގުގެ މެޗުގެކުރިން ހެދި ޕީސީއާރު ޓެސްޓުތަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ. .

މިހާ ގިނަ އަދަދެއްގެ ކުޅުންތެރިން ކޮވިޑަށް ފައްސިވުމުން މި މެޗު ފަސްކޮށްދިނުމަށް ޓޮޓެންހަމް އިން ޔުއެފާގެ ކިބައިން އެދުނު ނަމަވެސް އެކަން ކޮށްނުދިނެވެ. ތާވަލާއި އެއްގޮތަށް މެޗު ކުޅޭނެކަމަށް ޔުއެފާއިން ވަނީ ޓޮޓެންހަމް އަށް އަންގާފައެވެ.

ކޮވިޑަށް ފައްސިވި ކުޅުންތެރިންގެ މައުލޫމާތު އެ ކުލަބުން ހާމަނުކުރި ނަމަވެސް މި 8 ކުޅުންތެރިންނަށް އެ ޓީމު ކުރިޔަށް ކުޅެން އޮތް މުހިއްމު ހަތަރު މެޗު ނުކުޅެވޭނެ އެވެ. އެއީ މި ބުރާސްފަތި ދުވަހު ރެން އާއި ދެކޮޅަށް ކުޅޭ މެޗާއި ރަށުންބޭރުގައި ބްރައިޓަން އަދި ލެސްޓާއާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗެވެ.

މިކަމާއި ގުޅިގެން އެންމެ ބޮޑަށް ކަންބޮޑުވީ ޓޮޓެންހަމްގެ ކޯޗު ކޮންޓޭ އެވެ. ކޮންޓޭ ބުނީ މި ހާލަތުގައި ކުޅުމަކީ ރަނގަޅުކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ކޮންމެ ދުވަހަކުވެސް ކޮވިޑުގެ އާ ވޭދަނަތަކެއް ޓީމުގެ އެތެރެއިން ފެންނަމުންދާ ކަމަށެވެ. .