ޔުއެފާ ޗެމްޕިއަންސް ލީގަކީ ޔޫރަޕު ފުޓުބޯޅައިގެ އެންމެ ޝަރަފްވެރި އެއް މުބާރާތެވެ. މި މުބާރާތުގައި ގަވާއިދުން ވާދަކުރަމުން އަންނަ ސްޕެއިންގެ ބާސެލޯނާ ވަނީ ރޭ ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ބޮޑު ތަފާތަކުން ބަލިވެ ގްރޫޕުގެ ތިންވަނަ މަގާމާއެކު ދެވަނަބުރަށް ނުގޮސް މުބާރާތުން ކަޓާފައެވެ. އެއާއެކު ޔޫރަޕުގެ ދެވަނަ ފަންތީގެ ކުލަބު ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔުރޮޕާ ލީގަށް މި ވަނީ ކޮލިފައިވެފައެވެ.

މިއީ ޔުރޮޕާ ލީގަށް ނަން ބަދަލުކުރި ފަހުން ބާސެލޯނާ އެއް މުބާރާތް ކުޅޭ ފުރަތަމަ ފަހަރެވެ. އަދި މި ވޭތުވެދިޔަ 20 އަހަރުދުވަހުގެ ތެރޭގައި ގްރޫޕް ސްޓޭޖުން ބާސެލޯނާ ކެޓި ފުރަތަމަ ފަހަރެވެ

ބާސެލޯނާ ދެން އޮތް ބުރަށް ދާން ބަޔާން އަތުން މޮޅެއް ހޯދަން ޖެހުނެވެ. އަދި އެވަގުތު ބެންފީކާ އާއި ޑައިނަމޯ ކިއޭވް ބައްދަލުކުރި މެޗު ޑައިނަމޯ ކިއޭވް މޮޅުވެގެން ވެސް ބާސެލޯނާއަށް ދެވެން އޮތެވެ އެކަން ނުވީ އެ މެޗު ބެންފީކާ 2-0 އިން ކާމިޔާބުކޮށް ގްރޫޕުގެ ދެވަނަ ހޯދައި ދެވަނަބުރަށް ދިއުމުންނެވެ

މުބާރާތުން ކެޓުމުން ކުޅުންތެރިން މާޔުސްވެފައި

.

ބާސެލޯނާ އަތުން ހޯދި މޮޅާއެކު މި ގްރޫޕުގެ އެއްވަނަ ބަޔާން މިއުނިކް އަށް ލިބުނީ ކުޅުނު ހަ މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ގަދަ ދެ ޓީމަށް ދެވަނަބުރަށް ދެވޭއިރު ދެން މި ގްރޫޕުން ދެވަނަބުރަށް ދިޔައީ ބެންފީކާ އެވެ. އެއީ ހަ މެޗުން ލިބުނު 8 ޕޮއިންޓާއެކު އެވެ. ބާސެލޯނާ ތިންވަނައިގައި އޮތީ ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ އަދި އެއް މެޗު އެއްވަރުކޮށް އަދި ދެ މެޗުން މޮޅުވެގެންނެވެ

ބަޔާން އާއި ބާސެލޯނާ ކުޅުނު ގްރޫޕުގެ ފަހު މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައެވެ. މިއީ ލެވަންޑޮސްކީގެ ހުރަހަކުން ތޯމަސް މުލާ ކާމިޔާބުކުރި ލަނޑެކެވެ. . މި ލަނޑު ޖެހިތާ ނުވަ މިނެޓުފަހުން ލެރޯއީ ސާނޭ ބަޔާނަށް ލީޑު ފުޅާކޮށްދިން އިރު ތިންވަނަ ލަނޑު ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ޖެހީ ޖަމާލް މުސިއާލާ އެވެ.

ލަދުވެތި ގޮތަކަށް ބާސެލޯނާ ޔުރޮޕާ ލީގަށް ދިޔައިރު މިއީ ކުލަބުގެ ތާރީހުގައި ވެސް އެ ކުލަބަށް ލިބުނު ބޮޑު ލައްގަނޑެކެވެ. އަދި މިއީ ކުލަބުގެ އާ ކޯޗުކަމާއި ދާދިފަހުން ހަވާލުވި ޒަވީ ހެނާންޑޭޒްއަށް ކުރިމަތިވާނެ ބޮޑު ޕްރެޝަރަކަށް ވާނެއެވެ.