މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ މިކްސް ޑަބްލްސް އިވެންޓުގެ ޗެމްޕިއަންކަން އަލީ ފަޔާޒާއި ދީނާ އަހުމަދުގެ ޕެއާ ހޯދައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލުގައި އަލީ ފަޔާޒާއި ދީނާގެ ޕެއާ ރޭ ވަނީ ފުރިހަމަ ކާމިޔާބީއެއް ހޯދައިފައެވެ.

ފައިނަލުގައި އަލީ ފަޔާޒާއި ދީނާގެ ޕެއާ ނުކުތީ މުހައްމަދު ޝަރީފާއި ފަޒްނާ މޫސާގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗުގައި ޝަރީފާއި ފަޒްނާގެ ޕެއާ އަތުން އަލީ ފަޔާޒާއި ދީނާގެ ޕެއާ މޮޅުވީ 7-4 ފްރޭމުންނެވެ.

އެ މުބާރާތުގެ ޓީމު އިވެންޓުގެ މެޗުތަކެއް ވެސް ރޭ ކުޅުނެވެ. ރޭގެ މެޗުގައި ކްލަބު އީގަލްސް އިން ވަނީ 4-1 ގޭމުން ދިވެހި ސިފައިންގެ ކްލަބު ބަލިކޮށްފައެވެ. އަދި އަނެއް މެޗުގައި ބީޖީ ސްޕޯޓްސް ކްލަބާ ވާދަކޮށް ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން މެޗު ކާމިޔާބުކުރީ 3-2 ގޭމުންނެވެ.

މިމަހުގެ އެކަކުން ފެށިގެން މިމަހުގެ 16ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، ބީޖީ ސްޕޯޓްސް، މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ކޮންމެ އިވެންޓެއްގެ ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް އެމްޕީބީއޭ އިން މިހާރު ވަނީ އިއުލާންކޮށްފައެވެ.