ސްރީލަންކާ ގައުމީ ވޮލީ ޓީމާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު އަމިއްލަ ގައުމުގައި ކުޅުނު އެކުވެރިކަމުގެ ތިންވަނަ މެޗުންވެސް ބަލިވެއްޖެ އެވެ.

މިއީ މަހު ބަންގްލަދޭޝްގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްރީލަންކާ އާއި ދެކޮޅަށް ކުޅޭ މެޗުތަކެކެވެ. ފުރަތަމަ ދެ މެޗުވެސް ލަންކާ ކާމިޔާބުކުރީ ފަސޭހަކަމާއި އެކުގައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު ތިންވަނަ މެޗުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް ދިވެހި ޓީމުގެ ފަރާތުން ކުރިއެރުންތަކެއް މި މެޗުގައި ފެނިގެންދިޔަ އެވެ.

ވާދަވެރި ކުޅުމަކަށް ފަހު މެޗުގެ ފުރަތަމަ ސެޓު ލަންކާއިން ގެންދިޔައީ 25-18 އިންނެވެ. މި ސެޓުގެ ކުރީކޮޅު ރާއްޖެއިން ދަށްކޮށް ފެނުނު ނަމަވެސް ފަހުކޮޅު ވަރަށް ހިތްވަރުކުރި ތަން ފެނިގެންދިޔައެވެ.

ދެވަނަސެޓު ލަންކާއިން ގެންދިޔައީ 25-17 އިންނެވެ. މި ސެޓުގައި ދިވެހި ޓީމުގެ ސާވިސްތައް ބޭކާރުވެގެންދިޔަ އިރު ލަންކާ ޓީމު ފެނުނީ އިތުބާރު ބޮޑުކޮށެވެ. ތިންވަނަ ސެޓުގެ ކުރީކޮޅު ވާދަވެރިކޮށް ދިޔަ ނަމަވެސް މި ސެޓުގެ ފަހުކޮޅު ލަންކާއިން ކުރި މަސައްކަތުން މި ސެޓު އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ 19-25 އިންނެވެ.

ރާއްޖެއިން ވަނީ ހަމަ މިގޮތަށް 2019 ވަނަ އަހަރުވެސް ސެންޓްރަލް ޒޯނަށް ތައްޔާރުވުމުގެ ގޮތުން ލަންކާއަށް ދައުވަތު ދީގެން މާލޭގައި މެޗުތަކެއް ކުޅެފައެވެ.

މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން ބަންގްލަދޭޝް މުބާރާތުގައި ރާއްޖެއިން ވާދަކުރާއިރު އަންހެން ޓީމުވެސް ވާދަކުރާނެއެވެ. ފިރިހެން ސްކޮޑުގެ 15 ކުޅުންތެރިން މިހާރު ތިބިއިރު މުބާރާތަށް ދާނީ 12 ކުޅުންތެރިންނެވެ. ޓީމު މިހާރު މަސައްކަތްކުރަނީ މިމަހުގެ 21 އިން 29 އަށް ބަންގްލަދޭޝްގައި މުބާރާތް ބޭއްވުމުގެ ކުރިން އިންޑިއާގައި ކޭމްޕުކުރާށެވެ.

ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ.