ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއި ކުލަބް ފުޓުބޯޅައިގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުމުން މުހައްމަަދު ރަޝީދު (ހޮކޭ) ރިޓަޔާވިކަން ހާމަކޮށްފިއެވެ.

މީސްމީޑިއާގައި ހޮކޭ މިކަން ހާމަކުރިއިރު އޭނާ ޕްރޮފެޝަނަލް ފުޓުބޯޅައިން މި ރިޓަޔާވީ އުމުރުން 36 އަހަރުގައެވެ.

ކުޅުން ހުއްޓާލިކަން ހާމަކުރި ރާއްޖޭގެ ތަޖުރިބާކާރު މިޑްފީލްޑަރ އަދި ފުލް ބެކް ހޮކޭ ކުޅުން ހުއްޓާލިކަން ހާމަކޮށް މީސްމީޑިއާގައި އޭނާ ބުނެފައިވަނީ ކުޅުން ހުއްޓާލަން ނިންމީ ވަރަށް ވިސްނާފައި ކަމަށެވެ.

"ފުޓްބޯޅަ ކެރިއަރުގައި ގައުމު ތަމްސީލްކުރުމަކީ ވަރަށް ބޮޑު އުފަލެއް، ކެރިއަރުގައި އެހީތެރިވެދިގެން އެންމެނަށް ޝުކުރުއަދާކުރަން" ރ.އަލިފުއްޓަށް އުފަން ހޮކޭ ގެ މެސެޖުގައިވެއެވެ.

ހޮކޭ ކުޅުން ހުއްޓާލިއިރު އޭނާ އެންމެ ފަހުން ކުޅެމުން އައި ކުލަބަކީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެެވެ. މިހާރު ކުރިޔަށްދާ ޕްރެޒިޑެންޓްސް ކަޕުގައިވެސް ހޮކޭ ކުޅުނެވެ.

މީގެއިތުރުން ގައުމީ ފުޓްބޯޅަ ޓީމަށް އޭނާ ވަނީ ގިނަ އަދަދެއްގެ މެޗުތަކެއް ކުޅެފައެވެ. ހާއްސަކޮށް މާލޭގައި 2012 ގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ މެޗުތައް ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ހޮކޭ އެންމެ ފުރަތަމަ ވިދާލީ 2011 ވަނަ އަހަރު އޭރު ކޯޗު އަލީ ސުޒޭން ހުރި އިރުގައެވެ. އޭރު ވިކްޓްރީގައި ދެއްކި މޮޅު ކުޅުމާއެކު ގައުމީ ޓީމުން ޖާގަ ހޯދިއެވެ. ކުލަބް ކެރިއަރުގައި އޭނާ ވަނީ އޭގެފަހުން ވެލެންސިއާ އާއި މާޒިޔާއަށް ވެސް ކުޅެފައެވެ.

ހޮކޭ އެންމެ ގިނަ އަހަރުތަކެއް ވަންދެން ކުޅުނީ ނިއުރޭޑިއަންޓަށެވެ. އޭނާ ވަނީ އެ ކުލަބުގައި 2014 އިން ފެށިގެން 2018 ގެ ނިޔަލަށް ކުޅެފައެވެ. އޭގެފަހުން 2019 ގައި އޭނާ ގުޅުނީ ދަ ގްރާންޑޭ އަށެވެ. އަދި މިދިޔަ ސީޒަނުގައި އޭނާ ފެނުނީ ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަނީ

    ހުއްޓާލިކަން ބުނީމަ އެނގުނީ މީ އުޅޭ މީހެއްކަންްވެސް

  2. ބުއްޅަ ހުއްތު

    ހޮކޭ ލިޔެފަ އޮތީމަ ފުރަތަމަ ހީކުރީ "ކޮޮހޭ" ލިޔެފަ އޮތް ކަމަށް.ހަހަހަ