ލިބޭ މަޅި ފުޓްސަލް ޗެލެންޖް 2022 ގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން މަސްއޮޑި ޓައިޓަންސް އާއި ޓީވައިޕީ ބައްދަލުކުރާ މެޗުންނެވެ.

މަސްއޮޑި ޓައިޓަންސް އަކީ މިދިޔަ އަހަރު ބޭއްވި ފުރަތަމަ މަޅި ފުޓްސަލް ޗެލެންޖުގެ އެންމެ ސަޕްރައިޒިން ޓީމެވެ.

މުބާރާތުގެ އެއް ފެވަރިޓް މަސްއޮޑި ސްޕޯޓްސް ކުލަބް ބަލިކޮށް ގިނަބަޔަކު ހައިރާންކޮށްލާ ޒުވާން ސްކޮޑަކާއެކު އޮތް މަސްއޮޑި ޓައިޓަންސް ޗެމްޕިއަންކަން ހޯދިއެވެ. ގިނަބަޔަކު އުއްމީދުކޮށްގެން ތިބީ ތަރިންގެ މައްޗަށް އެކުލެވުނު މަސްއޮޑި ސްޕޯޓްސް ކުލަބުން ޗެމްޕިއަންކަން ހޯދާނެ ކަމަށެވެ.

އަނެއްކޮޅުން ވާދަކުރާ ޓީވައިޕީ އަކީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ވާދަކޮށްފައިވާ ޓީމެކެވެ. ނަމަވެސް ދެވަނަބުރު އެ ޓީމަށް ފަހަނައަޅާ ދެވޭގޮތެއް ނުވެއެވެ.

މިފަހަރު ވާދަކުރާ މަސްއޮޑި ޓައިޓަންސް ޓީމުން ބަދަލުތަކެއް ފެންނާނެއެވެ. މިދިޔަ އަހަރުގެ ސްކޮޑުން ނުފެންނަ ކުޅުންތެރިންތަކެއް މިފަހަރު ފެންނާނެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ އަޔާ އެވެ. މި ޓީމުގައި އަޔާ ހިމެނުމަކީ މުޅި ޓީމަށްވެސް އޮތް ހިތްހަމަޖެހުމެކެވެ.

ދެން އޮތް ޔަގިންކަމަކީ މިއީ ޒުވާން، އުއްމީދީ ކުޅުންތެރިންތަކެއް ތިބި ސްކޮޑެއް ކަމެވެ. ތަށި ނެގޭނެ ފެންވަރު އޮތްކަން ސާބިތުކޮށްފައިވާ ޓީމެކެވެ. އަދި މިފަހަރު ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ ވެސް އެ ފެންވަރު ހުރި ކުޅުންތެރިން ކަމެވެ.

މިފަހަރުގެ މުބާރާތުގައި މަސްއޮޑި ޓައިޓަންސް ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ޓީވައިޕީ، ރޭންޖާސް، އެފްސީ ޔޯ ޓީމް އެވެ.

މި މުބާރާތުގައި 30 ޖެނުއަރީގެ ރޭގަނޑު ޖުމްލަ 10 މެޗެއް ކުޅޭނެއެވެ. ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައި އެއް ގަޑިއެއްގައި މެޗުތައް ކުޅޭނެއެވެ.

  • 20:00 މަސްއޮޑި ޓައިޓަންސް - ޓީވައިޕީ (ޓާފް- 1)
  • 20:00 ރޭންޖާސް - އެފްސީ ޔޯ ޓީމު (ޓާފް- 2)
  • 21:00 އެފްސީ ފަރުމަތި- ފަސްގަނޑު އެފްސީ (ޓާފް- 1)
  • 21:00 ކުލަބް ޖީޑީއެފް - އެފްސީ ލެވެލް (ޓާފް- 2)
  • 22:00 ލޮރެންޒޯ ހައިނާޒް - ލޮރެންޒޯ ޕާކް (ޓާފް - 1 )
  • 22:00 ލައިކަންސް - ވަލޭރިއޯ އެފްސީ (ޓާފް - 2)
  • 23:00 ޓީއެފްޓީ - އިހަވަންދޫ އެފްސީ (ޓާފް - 1)
  • 23:00 ކުލަބް ޓީއެންޓީ- ދަ ގޯޅީ ސްޕޯޓްސް ކުލަބް (ޓާފް- 2)
  • 00:00 ކުލަބް ވޯންޓެޑް - ރެމްޕޭޖް (ޓާފް -1)
  • 00:00 އެފްސީ ގޮއްރާޅު- ދަ ރޯޔަލްސް (ޓާފް- 2)

މިފަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 10،000ރ.އެވެ. މީގެއިތުރުން އެންމެ މޮޮޅު ފަސް ކުޅުންތެރިންނާއި އެހެނިހެން މަގާމުތައް ވެސް ހޮވުމަށް ވަނީ ނިންމައިފައެވެ.