ލިބޭ މަޅި ފުޓްސަލް ޗެލެންޖުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ޓީއެންޓީ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ބިގަލޯސް ހޯދައިފިއެވެ.

ފައިނަލުގެ ދެވަނަ ޖާގަ ބިގަލޯސް ހޯދާފައިވަނީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ޓީއެންޓީ 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މެޗު ދެ ޓީމުންވެސް ދާދި ހަމަހަމައެއްގައި ފެށި މި މެޗުގައި ބިގަލޯސް ގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މިއީ ޓީއެންޓީގެ ކީޕަރު ކުރިޔަށް އަރާ ހުރި ދަނޑިވަޅުގައި ވަރަށް ހަމަޖެހިލައިން މަތިން އޮއްސާލައިގެން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

ބިގަލޯސް އާއި ޓީއެންޓީ ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ދެވަނަ ލަނޑު ބިގަލޯސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށެވެ. މިއީ ބިގަލޯސްގެ އަހުމަދު ހަމީދު ފޮނުވާލި ބޯޅައެއް ޓީއެންޓީގެ އިބްރާހިމް ހަމްދާން ފައިގައި ޖެހިފައި ޑިފްލެކްޓް ވެގެން ދިޔ ބޯޅައެއްގައި ގޯލުގެ ތެރެއަށް ވަދެގެން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ބިގަލޯސް ދެ ލަނޑުގެ ލީޑަކާއެކު އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން ކުރީކޮޅު ބިގަލޯސްއަށް ލީޑު ފުޅާކުރާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ޝާއްޕެ އަރިމަތީގައި ހުރެ މެދުތެރެއިން ކުރިޔަށް ހުސްކޮށް އެރި ހަމީދު ފޮނުވާލި ބޯޅަ ކީޕަރު ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.

ބިގަލޯސް އާއި ޓީއެންޓީ ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ބިގަލޯސް އިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަމުން ދަނިކޮށް ޓީއެންޓީން ލިބުނު ފުރުސަތުގައި ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ހަމްދާން (ހަމްދޭ) އެވެ.

ފަސް ފައުލް ހަމަވެގެން އިތުރަށް ކުރި ފައުލަކާއި ގުޅިގެން ބިގަލޯސް އަށް ދުރު ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ޝާއްޕެ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ މަތިންނެވެ. އޭގެފަހުން އިތުރު ފައުލެއް ކުރުމުން ދެވަނަ ޕެނަލްޓީ ޓީއެންޓީގެ ކީޕަރު ދިފާއުކުރި އެވެ.

މުބާރާތުގެ ފައިނަލުގައި ބިގަލޯސް ބައްދަލުކުރަން ޖެހޭ ޓީމަކީ ޓީއެފްޓީ އެވެ. މުބާރާތުގެ ފައިނަލަށް ޓީއެފްޓީ ދަތުރުކުރީ ސެމީފައިނަލުގައި މުބާރާތުގެ އެއް ފެވަރިޓް ކަމަށްވާ އޯވަންއޯ ބަލިކޮށްގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކުރަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ރާއްޖޭގައި މަގްބޫލުވަމުން އަންނަ ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. ކޯ ސްޕޮންސަރަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އަދި ފަހުމިނެޓް އެވެ.

އެހެނިހެން ޕާޓްނަރުންނަކީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް އަދި ޓޮޕް ތްރީ މޯލްޑިވްސް އެވެ.

ޖުމްލަ 32 ޓީމު މިއަހަރު ބައިވެރިވެފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އޮންނަ ފުޓްސަލް ދެ ދަނޑުގައެވެ. މުބާރާތުގެ މެޗުތައް ރޭގަނޑު ކުރިޔަށްދާއިރު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 30 އިން ފެބްރުއަރީ 3 އާ ހަމަޔަށެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 ފެބްރުއަރީގެ ރޭގަނޑު އެވެ. އެ ރޭ 8:30 ގައި ރަސްމިއްޔާތު ފަށާއިރު ފައިނަލް މެޗު ފަށާނީ 9:00 ގައެވެ.