ލިބޭ މަޅި ފުޓްސަލް ޗެލެންޖް 2022 ގެ ފައިނަލުގައި ވަރުގަދަ ޓީއެފްޓީ 2-1 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ބިގަލޯސް އިން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ބިގަލޯސް ހޯދާފައިވަނީ ޓީއެފްޓީ ލަނޑެއް ޖަހާ ލީޑުގައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ކާމިޔާބުކޮށްގެންނެވެ.

މިއީ ބޮޑު މުބާރާތެއްގައި ބިގަލޯސްއަށް ފަހުގެ ތާރީހެއްގައި ލިބުނު އެންމެ ބޮޑު ކާމިިޔާބީއެވެ. އެހެންކަމުން މިއީ ބިގަލޯސްއަށް ބޮޑު ކާމިޔާބީއެކެވެ. މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި މަސްއޮޑި ޓައިޓަންސް ވަނީ ކުރީކޮޅު މުބާރާތާއި އަލްވަދާއު ކިޔާފައެވެ.

ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު އެވެ. މީގެއިތުރުން މުބާރާތުގެ ސްޕޮންސަރުންގެ ފަރާތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެގޮތުން ޓައިޓަލް ސްޕޮންސަރ ލިބޭ ގެ ޑިރެކްޓަރ މުހައްމަދު އަޒްހީމް އަޒީޒާއި ޑްރީމްސް މޮބައިލްގެ އެމްޑީ ހުސެއިން ޝާން އާއި ކޮއެލް އައިވެއާގެ ކްރިއޭޓިވް ޑައިރެކްޓަރ ޝާބިން ހަބީބާއި ރެޑްބުލްގެ ޑިސްޓްރިބިއުޝަން މެނޭޖަރ މުހައްމަދު ޝާފިއު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ޓީއެފްޓީ އާއި ބިގަލޯސް ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ބިގަލޯސް އިން މި މެޗުގެ ފުރަތަމަ ފެށި ކުޅުންތެރިންނަކީ ޔާމިން މުހައްމަދު، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު، ފައްޔާޒް ފަޔާޒް އަދި ސާމިން މުހައްމަދު ނަސީރު އެވެ.

ޓީއެފްޓީން މި މުބާރާތް ފެށި ފުރަތަމަ ކުޅުންތެރިންނަކީ އިސްމާއީލް ވަޖީހު (ވައްޖެ)، އަބްދުﷲ ޝައްފާން (ޝާކާ) ހުސެއިން ޝަރީފް، އަބްދުﷲ ނާސިހު، އިބްރާހިމް މުބީން (މުއްކި) އެވެ.

މެޗު ފަށައިގެން ދެ ޓީމުންވެސް ފުރަތަމަ ކުޅުނީ ދާދިހަމަހަމަ ކުޅުމެކެވެ. ނަމަވެސް ބިގަލޯސް އިން ކުރީކޮޅު ވަރަށް ރަނގަޅު ދެފުރުސަތެއް ތަނަވަސްކުރި އެވެ. މި ދެ ފުރުސަތުގައި ވެސް ޝާއްޕެ ގެ ދައުރު ވަރަށް ބޮޑެވެ. ނަމަވެސް ބޯޅަ ގޯލަށް ވައްދާލެވޭ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފުގެ ވަގުތު ދިޔަ ވަރަކަށް ޓީއެފްޓީން ދިޔައީ މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަންނަމުންނެވެ. އަދި ޓީއެފްޓީން ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މި ހާފުގެ މެދުތެރޭގައި ޓީއެފްޓީން ލީޑުނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝާކާ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކައިރީގައި ބިގަލޯސްގެ ސާމިން ކައިރީގައި ވިއްދާފައިވަނިކޮށް ވަރަށް މޮޅުކޮށް ކަޓުވާލުމަށްފަހު އެވެ.

ޗެމްޕިއަންކަން ލިބުމުން ބިގަލޯސް އުފާފާޅުކުރަނީ-- ވަގުުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވެ ބިގަލޯސް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އަރިމަތިން ސާމިން ވަރަށް ރީއްޗަށް މަތިން އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއްގައި ގޯލު ކުރިމައްޗަށް ހުސްކޮށް ހުރި ޝާއްޕެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވެ ޝާއްޕެ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ޓީއެފްޓީގެ ކުޅުންތެރިން ކުރިޔަށް އެރި ދަނޑިވަޅު ބެލުމަށްފަހު ކައުންޓަރ އެޓޭކެއްގައި ޝާއްޕެ ކުރި މަސައްކަތުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ ބިގަލޯސް ފަހަތުން އަރާ ކާމިޔާބުކުރި ދެ ލަނޑާއި އެކު 2-1 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފުގައި ޓީއެފްޓީން ފެށީ ވަރަށް ޕްރެސިން ކުޅުމަކުންނެވެ. ލަނޑެއް ޖެހުމަށ ޓީއެފްޓީން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ހާއްސަކޮށް ގާތްގާތުގައި އޮންލީ ތަނަވަަސްކުރި ތިން ފުރުސަތަކާއި ޝާކާ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

ފަސް ފައުލް ހަމަވުމާއި އެކު ޓީއެފްޓީ އަށް ދުރު ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. މެޗުގެ އެންމެ ފަހުކޮޅު ޝާކާ ފޮނުވާލި މި ދުރު ޕެނަލްޓީ އޭނާއަށް ކާމިޔާބެއް ނުވިއެވެ.

ބިގަލޯސް މުބާރާތުގައި ހިމެނުނީ ގްރޫޕް ޖީގައެވެ. ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި ކުޅުނު ހުރިހާ މެޗެެއްވެސް ކާމިޔާބުކޮށް ޖުމްލަ ނުވަ ޕޮއިންޓާއެކު އެ ޓީމު ދެވަނަބުރުގައި ވާދަކުރީ ޓީވައިޕީ އާއެވެ. އެ މެޗު 5-1 އިން ކާމިޔާބުކޮށް ކުއާޓާފައިނަލުގައި އެ ޓީމު ބައްދަލުކުރީ ވަރުގަދަ ރެމްޕޭޖް އާއެވެ. އެ މެޗު ބިގަލޯސް ކާމިޔާބުކުރީ 4-1 އިންނެވެ. ފައިނަލުގެ ދެވަނަ ޖާގަ ބިގަލޯސް ހޯދާފައިވަނީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ޓީއެންޓީ 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މުބާރާތުގެ ރަނަރަޕް ޓީމަށް އިނާމުދެނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ބިގަލޯސްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިން އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ބިގަލޯސްގެ އަބްދުﷲ ފައްޔާޒް (ފައިއްޓެ) އެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ބިގަލޯސްގެ އަހުމަދު ހަމީދެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބިގަލޯސްގެ މުހައްމަދު އަފްރާހެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ އަލީ ހާފިޒު (ހާއްޕެ) އެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 17 ލަނޑު ޖަހާފައެވެ. އޭނާއަށް ވަނީ ކޮއެލް އައިވެއާގެ އައިނު އަދި ހަނދާނީ ލިޔުމެއް ދީފައެވެ. މީގެއިތުރުން މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ލޮރެންޒޯ ހަޔެނާސް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
  1. ޓީއެފްޓީ - އަބްދުﷲ ޝައްފާން
  2. ބިގަލޯސް- ސާމިން މުހައްމަދު
  3. ޓީއެފްޓީ- ހުސެއިން ޝަރީފް
  4. އޯވަންއޯ- މުހައްމަދު ޒުހާލް
  5. ބިގަލޯސް- އަހުމަދު ހަމީދު

މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމަންޓް ނުވަތަ މަޅި ފުޓްސަލް ކިންގް އަކަށް ހޮވުނީ ޓީއެފްޓީގެ އަބްދުﷲ ޝައްފާން އެވެ. އޭނާއަށް ވަނީ މާކުއީ ގެ ފަރާތުން ބޫޓު އަދި ކޮއެލް އައިވެއާގެ އައިނެއް ލިބިފައެވެ.

މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމަންޓް އަށް އިނާމް ދެއްވަނީ-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ފައިނަލް މެޗަށްފަހު މުބާރާތުގެ ސްޕޮންސަރުންނަށް ޗަނީ ހަނދާނީ ލިޔުމެއް ދީފައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ރާއްޖޭގައި މަގްބޫލުވަމުން އަންނަ ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. ކޯ ސްޕޮންސަރަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އެވެ.

އެހެނިހެން ޕާޓްނަރުންނަކީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް އަދި ޓޮޕް ތްރީ މޯލްޑިވްސް އެވެ. މި ހުރިހާ ޕާޓްނަރުންނަށް ލިޔުން ދިނީ މަޅި އެމްވީގެ ސީއީއޯ ނަސްރު އެވެ.