ލިބޭ މަޅި ފުޓްސަލް ޗެލެންޖުގައި މިރެއަކީ ފޯރިގަދަ ފައިނަލް މެޗު އޮތް ރެއެވެ. ފައިނަލުގައި ވާދަކުރާ ދެ ޓީމަކީ މި މުބާރާތުގައި ވަރުގަދަ ޓީމުތައް ފަހަތަށް ޖައްސާލުމަށްފަހު ފައިނަލަށް ދިޔަ ދެ ޓީމެވެ. އެއްކޮޅުން ވާދަކުރާ ބިގަލޯސް އަދި އަނެއްކޮޅުން ވާދަކުރާ ޓީއެފްޓީ އަށްވެސް މިއީ ބޮޑު ފައިނަލެކެވެ. މި ދެ ކުލަބަށްވެސް މިއީ ތާރީހީ ފައިނަލެކެވެ.

މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރާ ޓީއެފްޓީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ އިތުރު ތައާރަފެއް ބޭނުންވާނެ ކުޅުންތެރިންތަކެއް ނޫނެވެ. ފުޓްސަލް ދަނޑުތައް ރަސްކަންކޮށްފައިވާ ގިނަ ކުޅުންތެރިންތަކެއް މި ޓީމުގައި އެބަތިއްބެވެ. ހާއްސަކޮށް ދެބެއިން ކަމަށްވާ އަބްދުﷲ ޝައްފާން (ޝާކާ) އާއި އަލީ ޝިޔާހް (ޝިޔަޅޭ) ގެ އިތުރުން އިސްމާއީލް ވަޖީހު (ވައްޖެ)، ހުސެއިން ޝަރީފް (އޮންލީ) އަދި އަހުމަދު އިމާޒް (އާއްކޮ) އާއި އިބްރާހިމް މުބީން (މުއްކި) ފަދަ ކުޅުންތެރިން މި ޓީމުގައި ހިމެނުން މިއީ އިދިކޮޅު ކޮންމެ ޓީމެއްވެސް ޖެހިލުންވާނެ ކަމެކެވެ.

ފައިނަލުގައި ވާދަކުރާ ޓީއެފްޓީ ޓީމު-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އަނެއްކޮޅުން ބިގަލޯސް ޓީމުގައި ވެސް ތިބީ ދޫކުރާވަރުގެ ކުޅުންތެރިންނެއް ނޫނެވެ. ޓީމެއްގެ ސިފައިގައި ބިގަލޯސް އަކީ ނުރައްކާ ޓީމެކެވެ. ހާއްސަކޮށް އަބްދުﷲ ޝާފިއު (ޝާއްޕެ) އަކީ އެ ޓީމުގެ އެޓޭކިން ލައިނުގައި އެންމެ ވަރުގަދަ އެކަކެވެ. އަދި ލީޑަޝިޕް ރަނގަޅު ކުޅުންތެރިއެކެވެ. މީގެއިތުރުން ޔާމިން މުހައްމަދާއި ހާރޫން އިބްރާހިމް އަލީ މާއިސް އަދި ސާމިން އަކީވެސް އެ ޓީމުގެ މުހިއްމު ވަރުގަދަ ކުޅުންތެރިންނެވެ.

ބިގަލޯސް މުބާރާތުގައި ހިމެނުނީ ގްރޫޕް ޖީގައެވެ. ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި ކުޅުނު ހުރިހާ މެޗެެއްވެސް ކާމިޔާބުކޮށް ޖުމްލަ ނުވަ ޕޮއިންޓާއެކު އެ ޓީމު ދެވަނަބުރުގައި ވާދަކުރީ ޓީވައިޕީ އާއެވެ. އެ މެޗު 5-1 އިން ކާމިޔާބުކޮށް ކުއާޓާފައިނަލުގައި އެ ޓީމު ބައްދަލުކުރީ ވަރުގަދަ ރެމްޕޭޖް އާއެވެ. އެ މެޗު ބިގަލޯސް ކާމިޔާބުކުރީ 4-1 އިންނެވެ. ފައިނަލުގެ ދެވަނަ ޖާގަ ބިގަލޯސް ހޯދާފައިވަނީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ޓީއެންޓީ 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ފައިނަލުގައި ވާދަކުރާ ބިގަލޯސް ޓީމު-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މުބާރާތުގައި ގްރޫޕް ޑީގައި ޓީއެފްޓީ ވެސް އެއްވަނައިގައި ހިމެނުނީ ހަތަރު ޓީމު ވާދަކުރި ގްރޫޕުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު އެވެ. ދެވަނަބުރުގައި ފައިގަތަޅާ ގެ މައްޗަށް 6-1 އިން ކުރިހޯދާ ކުއާޓާފައިނަލުގައި އެ ޓީމު ވާދަކުރީ ލޮރެންޒޯ ހަޔެނާސް އާއެވެ.

ވައްޖެ ގެ ހެޓްރިކާއި އެކު މި މެޗު 5-2 އިން ކާމިޔާބުކޮށް ސެމީފައިނަލުގައި ވާދަކުރީ ވަރުގަދަ އޯވަންއޯ އާއެވެ. އޯވަންއޯ ސެމީއަށް ދިޔައީ އެންމެފަހުގެ ޗެމްޕިއަން މަސްއޮޑި ޓައިޓަންސް ބަލިކޮށްގެންނެވެ. އަދި ގިނަބަޔަކު ތަށި ހޯދާނެކަމަށް ބެލި އެއް ޓީމަކީވެސް އޯވަންއޯ އެވެ. ސެމީފައިނަލުގައި ޓީއެފްޓީ އިން އޯވަންއޯ ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

ފައިނަލް މެޗަށް ބިގަލޯސް ޓީމުން ތިބީ ފޮނި އުއްމީދެއްގައެވެ. މިއީ ބިގަލޯސް އުފެދުނު ފަހުން ކޮކާކޯލާ މުބާރާތަށްފަހު އެ ޓީމު ވަރުގަދަ މުބާރާތެއްގެ ފައިނަލެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މި ތާރީހީ ފައިނަލް މެޗު ކާމިޔާބުުރުމަށް އެ ޓީމުގެ ހުރިހާ ކުޅުންތެރިން އަދި ސަޕޯޓަރުންވެސް ތިބީ ތައްޔާރަށް ކަމަށާއި މެނޭޖަރ މުހައްމަދު ނާއިފް ވަގުތު އަށް މައުލޫމާތުދެމުން ބުންޏެވެ.

ބިގަލޯސް ޓީމުގެ ޝާއްޕެ އަދި

"އުއްމީދުކުރަނީ ވަރަށް ފޯރިގަދަ ފައިނަލަކަށް ވާނެކަމަށް، މުޅި ޓީމުވެސް ވަރަށް ތައްޔާރު މި ފައިނަލަށް، ތަށި ހޯދަން ވަރަށް މަސައްކަތްކުރާނަން، ހަގީގަތުގައި މިވަރުގެ މުބާރާތެއްގެ ފައިނަލަށް ދެވުމަކީ ވެސް މުޅި ބިގަލޯސްއަށް ލިބުނު ބޮޑު ކާމިޔާބެއް" ނާއިފް ބުންޏެވެ.

މީގެއިތުރުން އެ ޓީމުގެ މުހިއްމު އެއް ކުޅުންތެރިއެއް ކަމަށްވާ އަލީ މާއިޝް (މައްޓު) އަށް އަމިއްލަ ސަބަބަކާއި ހުރެ މި ފައިނަލުގައި ނުކުޅޭކަން އެ ކުލަބުން ވަނީ ހާމަކޮށްފައެވެ.

އަނެއްކޮޅުން ވިލިމާލެއަށް ނިސްބަތްވާ ޓީއެފްޓީއަށް ވެސް މިއީ ބޮޑު ފައިނަލެކެވެ. އަމިއްލަ މުބާރާތެއް ބާއްވަމުން އަންނަ ޓީއެފްޓީން މި މުބާރާތުގެ ފައިނަލުގައި ވާދަކުރަނީ ޗެމްޕިއަންކަން ލިބޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމާއި އެކުގައެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި ބޮޑު މުބާރާތެއްގެ ފައިނަލަށް ދެވުނު ފަހަރު ކަމުން މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ޓީމުން ސިފަކުރެއެވެ.

މުބާރާތުގައި ވާދަކުރާ ޓީއެފްޓީ ޓީމު-- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"މިއީ ޓީއެފްޓީއަށް ލިބޭ ރަނގަޅު ނަމެއް، އަދި ވަރަށް ބޮޑު ކުރިއެރުމެއް، ކުރިޔަށްއޮތް ތަނުގައި ޓީއެފްޓީ އިން އިތުރު މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބެއް ހޯދުމަށް ލިބިގެންދާނެ ބޮޑު ހިތްވަރެއް" ވަގުތު އާއި ވާހަކަދައްކަމުން ޓީމުގެ މެނޭޖަރ އިޖާޒް ޖާއިޒް ބުންޏެވެ.

މުބާރާތް އިންތިޒާމުކުރާ މަޅި މޯލްޑިވްސް އިން މި ފައިނަލަށް ބޮޑެތި ތައްޔާރީތަކެއް ދަނީ ވަމުންނެވެ. ވަގުތު އަށް މައުލޫމާތުދެމުން މަޅި އެމްވީގެ ސީއީއޯ ނަސްރު ވަނީ މި ފައިނަލުގައި ވާދަކުރާ ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު، ވާދަވެރި މެޗެއް ފެނިގެންދާނެ ކަމުގެ އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

"އުއްމީދަކީ ސަޕޯޓަރުންވެސް އަދި ކުލަބުތަކުގެ އޮފިޝަލުންނާއި ކުޅުންތެރިން ވެސް މި މުބާރާތް ކާމިިޔާބުކަމާއި އެކު ނިންމާލުން، ވަރަށް ފުރިހަމަ ސަޕޯޓެއް ކުލަބުތަކުން ދީގެން މި މުބާރާތް މިހާހިސާބަށް އައީ ވެސް، އަދި ސްޕޮންސަރުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދީގެން، އަމާޒަކީ ވަރުގަދަ ފައިނަލެއް ފެނުން" ނަސްރު ވިދާޅުވިއެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ރާއްޖޭގައި މަގްބޫލުވަމުން އަންނަ ވިޔަފާރި ބްރޭންޑެއް ކަމަށްވާ "ލިބޭ" އެވެ. ކޯ ސްޕޮންސަރަކީ ރެޓްރޯވިސް އެވެ. އަދި ބެވަރޭޖް ޕާޓްނަރަކީ ރެޑްބުލް އެވެ. މީޑިއާ ޕާޓްނަރަކީ ވަގުތު އެވެ.

އެހެނިހެން ޕާޓްނަރުންނަކީ ޑްރީމްސް، އޮބިއަން، އެސްޖޭ މޯލް، ކޮއެލް އައިވެއާ، އޫދް އަލް ސަބާޔާ، ދަ ޑަބްލިއު ސްޕޯޓްސް، މާކުއީ، ޓްރިޕަލް އޭ އެޗް އަދި ޓޮޕް ތްރީ މޯލްޑިވްސް އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ. އޭގެކުރިން 8:30 ގައި ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ އަގުހުރި ޓްރޮފީއެއް ދިނުމަށް ވަނީ ނިންމާފައެވެ.