އެންމެފަހުގެ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން ކުލަބް ވެލެންސިއާއިން އުރީދޫ ދިވެހި ޕްރިމިއަރ ލީގު މޮޅަކުން ފަށައިފިއެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑު ވިކްޓްރީ (ޔޫވީ) 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
ވެލެންސިއާއިން މި މެޗާއި ކުރިމަތިލީ އެ ޓީމުގެ އެންމެ ވަރުގަދަ ބައެއް ކުޅުންތެރިން ނުލައެވެ. ނަމަވެސް އެ ޓީމަށް އަލަށް ގުޅުނު އަބްދުﷲ ޔާމީން (ޔާން) އާއި ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު އެ ޓީމުގެ ސްޕެއިން ފޯވާޑް ބޯހަސް މާޓިން ގެ ކޮމްބިނޭޝަން ފާހަގަކުރެވިގެން ދިޔައެވެ.
އުރީދޫ ދިވެހި ޕްރެމިއަރ ލީގު - ޔުނައިޓަޑް ވިކްޓްރީ އަދި ވެލެންސިއާ ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވެލެންސިއާއިން ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ނަތީޖާއެއްެގެ ގޮތުން ލަނޑުޖަހާ ލީޑުނެގީވެސް އެ ޓީމުންނެވެ. އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަލީލް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔާނު އެވެ.

ޔާނުގެ ތަނަވަސްކުރި ފުރުސަތަކުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް އެ ޓީމުން ނަތީޖާ ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ބޯހާސް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޔާނު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އުރީދޫ ދިވެހި ޕްރެމިއަރ ލީގު - ޔުނައިޓަޑް ވިކްޓްރީ އަދި ވެލެންސިއާ ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދެ ލަނޑުގެ ލީޑަކާއެކު ވެލެންސިއާ ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފު ޔޫވީން ފެށީ އުއްމީދާއެކު އެވެ. އެ ޓީމުން ވަނީ މެޗުގެ ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި އެ ޓީމުން ސުން ކަނޑުވާލާފައެވެ. މިއީ ވެލެންސިއާގެ ފަހަތުން އަމްދާން އަލީ (އެންޑީ) އަށް ހެދުނު ގޯހެއް ފައިދާ ނަގައިގެން ޔޫވީގެ ބިދޭސީ ކުޅުންތެރިޔާ ވެރަސް ޖެހި ލަނޑެކެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ބުރާސްފަތި ދުވަހުވެސް ދެ މެޗެއް ކުޅޭނެއެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) އެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސް އެވެ.