އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަމުން ޖޯޖް ސަމްޕައޯލީ ވަކިވެއްޖެއެވެ.

އުމުރުން 58 އަހަރުގެ ސަމްޕައޯލީ އާޖެންޓީނާ ޓީމާއި ހަވާލުވީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ އުނދަގޫ ތަކަކަށްފަހު އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވިއިރު، ވޯލްޑް ކަޕްގައި އެޓީމު ވަނީ ދެވަނަ ބުރާއި ހިސާބުން މުބާރާތް ނިންމާލަން ޖެހިފައެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދި އާޖެންޓީނާ މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ކެޓީ ފްރާންސް އަތުން 3-4 އިން ބަލިވުމުންނެވެ.

އާޖެންޓީނާގެ ފުޓްބޯޅަ އިދާރާއިން ރޭ ނެރުނު ބަޔާނެއްގައި ވަނީ ސަމްޕައޯލީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް އޭނާއާ ވެސް ވާހަކަދެއްކުމަށްފަހު އުވާލުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. ސަމްޕައޯލީގެ އިތުރުން ފިޒިކަލް ޓްރެއިނަރު ޖޯޖް ޑެސިއޯ އާއި ވީޑިއޯ އެނަލިސްޓް މަޓިއަސް މަންނާ ވެސް ވަނީ އެޓީމުން ވަކިވެފައެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުން އާޖެންޓީނާ ކެޓިއިރު އެޓީމު ލައްވާލީ ކްރޮއޭޝިޔާ އާއި ނައިޖީރިޔާ އަދި އައިސްލޭންޑާއި އެއް ގްރޫޕެއްގައެވެ. މީގެތެރެއިން އައިސްލޭންޑާއި ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު ކްރޮއޭޝިޔާއާ ބައްދަލުކުރި މެޗުން އާޖެންޓީނާ ވަނީ 0-3 ބަލިވެފައެވެ. އެޓީމަށް މުޅި މުބާރާތުގައި މޮޅެއް ހޯދުނީ ގްރޫޕްގެ ފަހު މެޗުގައި ނައިޖީރިޔާއާ ބައްދަލުކޮށެވެ. އެ މެޗުން އާޖެންޓީނާ މޮޅުވީ ފަހުވަގުތު 2-1 އިންނެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން އާޖެންޓީނާ އަށް މޮޅެއް ހޯދޭގޮތް ނުވިއިރު މިއީ 1974 ވަނަ އަހަރަށްފަހު އެޓީމަށް ގްރޫޕްގެ ފުރަތަމަ ދެ މެޗުން މޮޅެއް ނުހޯދުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ނެރުނު ނަތީޖާތަކާއި ގުޅިގެން ސަމްޕައޯލީ އަށް ފާޑުކިޔުންތައް އަމާޒުވިއިރު އައިސްލޭންޑް މެޗަށްފަހު އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ވަނީ ސަމްޕައޯލީ އަށް އަނބުރާ ގައުމަށް ނާދެވޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.