ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް އީގަލްސް މުހިއްމު މޮޅެއް ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ކުލަބް އީގަލްސް ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ކުރިޔަށްދިއުމަށް އީގަލްސްއަށް ލިބުނު މުހިއްމު މޮޅެކެވެ.

ކުލަބް އީގަލްސް އިން މިފަހަރުގެ ލީގާއި ކުރިމަތިލިއިރު ޓީމު އޮތީ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެންމެފަހުން ކުޅުނު މެޗުގައި އެ ޓީމު ވަނީ މާޒިިޔާ އަތުން ބަލިވެފައެވެ.

މެޗު ކުލަބް އީގަލްސްއިން ފެށީ ވަރުގަދަކޮށެވެ. ގާތްގާތުގައި އުފެއްދި ހަމަލާތަކުގެ ސަބަބުން ސަސް އަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ހާއްސަކޮށް އީގަލްސްގެ އަރިމަތިން އުފެއްދި ހަމަލާތަކާއި އެ ޓީމުގެ އިޓަލީ ކުޅުންތެރިޔާ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ފާހަގަކޮށްލެވެއެވެ.

އީގަލްސް އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

ކުލަބް އީގަލްސް އިން މި މެޗުގައި ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އަހުމަދު ހަސަން (އައްމަޑޭ) ކާމިޔާބުކުރީ އަހުމަދު ރިޒްވާން (ރިޒޭ) ދިން ބޯޅައަކުންނެވެ. އެ ޓީމުގެ ދެވަނަ ލަނޑު ފެނުނީ މެޗުގެ 81 ވަނަ މިނެޓުގައެވެ. މިއީ ދެވަނަ ހާފުގައި ކުޅެން އެރި އަބްދުﷲ ޒިޔާން ކާމިޔާބުކުރި ލަނޑެކެވެ.

ސަސް އިން ސުން ކަނޑުވާލީ އީގަލްސް އިން ލަނޑުޖެހިތާ މާގިނައިރުތަކެއް ނުވަނީހެވެ. މިއީ އޭރިއާ ތެރެއިން ސަސްގެ ޔަސްފާދު ހަބީބު (މުލަކޭ) އަށް ފައުލުކުރުމާއި ގުޅިގެން ދިން ޕެނަލްޓީއެއްގައި އަބްދުﷲ ހަނީފް (ބެންޖޯ) ކާމިޔާބުކުރި ލަނޑެކެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކުލަބެވެ.