ރޭ ރަޝިޔާގައި ނިމިގެންދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފްރާންސް އިން ކާމިޔާބު ކުރުމުން އެކަން އެގައުމުގައި ވަރަށް ގަދަޔަށް ދަނީ ފާހަގަކުރަމުންނެވެ.

ހަމަނުޖެހުންތަކާއި ފޯރީގައި އެކަން ފާހަގަކުރަމުންދާއިރު، ދެ މީހަކު ވަނީ މަރުވެސް ވެފައެވެ.

އޭގެ ތެރެއިން އެކަކު މަރުވެފައި ވަނީ ރޭގެ މެޗަށް ފަހު ފްރާންސް މޮޅުވުމާއި ގުޅިގެން ޖެހި ސަކަރާތުގެ ތެރެއިން އެކްސިޑެންޓެއް ވެގެންނެވެ. އުމުރުން 30 އަހަރުގެ އެ މީހާ މަރުވެފައި ވަނީ ފްރާންސް މޮޅުވުން ފާހަގަކުރަމުން ދަނިކޮށް ގަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައެވެ.

އަދި އުމުރުން 50 އަހަރުގެ މީހާ މަރުވެފައި ވަނީ ރޭ ކުރިއަށްދިޔަ މެޗް ނިމުނު ތަނުން ފެންގަނޑަކަށް ފުންމާލުމާއި ގުޅިގެން ކަރު ބިންދައިގެން ގޮސްގެންނެވެ.

މިގޮތަށް ބައެއް ފަރާތްތަކުން އުފާފާޅު ކުރަމުންދާއިރު، ބައެއް ސަރަހައްދުތަކުގައި ވަނީ ހަމަނުޖެހުންތަކެއް ވެސް ހިނގާފައެވެ. އެގޮތުން ޕެރިހުގައި ހަމަނުޖެހުންތަކެއް ހިނގީ މާސްކު އަޅައިގެން ތިބި ބައެކެވެ.

އެ މީހުން ވަނީ ފިހާރަތަކަށާއި ތަންތަނަށް ގެއްލުންދީފައެވެ. އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރިިއެވެ. އެގޮތުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ކަރުނަގޭސް ވެސް ޖަހާފައެވެ.

ވޯލްޑް ކަޕް ފްރާންސް އިން ކާމިޔާބުކުރީ ފައިނަލްގައި ރޭ ކްރޮއޭޝިއާގެ މައްޗަށް 2-4 އިން ކުރި ހޯދައިގެންނެވެ. ވޯލްޑް ކަޕް ފްރާންސް އިން ކާމިޔާބުކުރިއިރު މިއީ 1998 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް އެޓީމުން ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީހާ

    މިހެންވެ އަހަރެމެން ދިވެހިން ވޯލްކަޕް ފައިނަލުގައި ކުޅެ މޮޅުވާން ނޫޅެންވީ. މުސްލިމުން ނުވާނެ އެކަންތައް ކުރަން . މީ ދޮގެއްތަ ޝޭޚޫ؟