ރެކޯޑު އަގަކަށް ރޯމާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ގެނައުމަށް ލިވަޕޫލް އިން މަސައްކަތް ފަށައިފިއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 25 އަހަރުގެ އެލިސަން ގެނައުމަށް ލިވަޕޫލް އިން މިހާރު ވަނީ 62 މިލިއަން ޕައުންޑުގެ ބިޑެއް ރޯމާ އަށް ހުށަހަޅާފައެވެ. މިއީ ކީޕަރަކަށް މިހާތަނަށް ކްލަބަކުން ހުށަހެޅި އެންމެ ބޮޑު ހުށަހެޅުމެވެ. މި ހުށަހެޅުމާ މެދު ރޯމާ އިން އަދި ވަކިގޮތެއް ނިންމާފައިނުވާއިރު ރިޕޯޓުތައް ބުނާގޮތުން ރޯމާ އިން އެލިސަން ވިއްކާލާނީ ގާތްގަނޑަކަށް 66 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ލިވަޕޫލްގެ އިތުރުން އެލިސަން ގެނައުމަށް ޗެލްސީން ވެސް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެލިސަން ގެނައުމަށް ޗެލްސީން އަދި ބިޑެއް ހުށަހަޅާފައެއް ނުވެއެވެ.

ޗެލްސީން އެލިސަން ގެނައުމަށް ޝައުގުވެރިވާއިރު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެ ކްލަބުގެ އެއް ނަމްބަރު ގޯލްކީޕަރު ތިބޯ ކޯޓުއާ ޗެލްސީ ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފައެވެ. ޗެލްސީ ދޫކޮށްލުމަށްފަހު ކޯޓުއާ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ރެއާލް މެޑްރިޑަށެވެ.

އެލިސަން ގެނައުމަށް ލިވަޕޫލް އިން މަސައްކަތް ފެށިއިރު އެ ކްލަބުގެ މިހާރުގެ އެއް ނަމްބަރު ކީޕަރަކީ ލޮރިސް ކަރިއުސްއެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އަދި ލިވަޕޫލް ޕްރީ ސީޒަން މެޗުތަކުގައި ވެސް ކަރިއުސް އަތުން ބޮޑެތި ގޯސްތަކެއް ހެދިފައިވާއިރު އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެގެން ގޮސްފައެވެ.

މިދިޔަ ސީޒަނުގައި ރޯމާގައި މޮޅު ކުޅުމެއް އެލިސަން ދެއްކިއިރު މިފަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި ބްރެޒިލްގެ ޓީމުގެ އެއް ނަމްބަރު ކީޕަރަކީ ވެސް އެލިސަންއެވެ.