ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ރޯމާ އަށް ކުޅެމުން އައި ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ލިވަޕޫލަށް ބަދަލުވެއްޖެއެވެ.

އުމުރުން 25 އަހަރުގެ އެލިސަން ލިވަޕޫލް އަށް ބަދަލުވެފައިވަނީ 72.5 މިލިއަން ޔޫރޯ އަށް ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރަށް އެލިސަން ވެގެން ގޮސްފައިވާއިރު މި މަގާމުގައި ކުރިން އޮތީ 2001 ވަނަ އަހަރު ޕާމާ އިން ޔުވެންޓަސް އަށް ބަދަލުވި އިޓަލީގެ ޖިއާންލުއިޖީ ބުފޮންއެވެ. އެގޮތުން ބުފޮން ޔުވެންޓަސް އަށް ބަދަލުވީ 53 މިލިއަން ޔޫރޯ އަށެވެ.

ލިވަޕޫލް އަށް ބަދަލުވުމަށްފަހު އެލިސަން ބުނީ މިއީ އޭނާގެ ކެރިއަރުގައި ކުރިއަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި ލިވަޕޫލް ކަހަލަ ބޮޑު އަދި އަބަދުވެސް ކާމިޔާބީތައް ހޯދާ ކްލަބަކަށް ބަދަލުވެވުމަކީ ދެކެމުން އައި ހުވަފަނެއް ހަގީގަތަކަށްވުން ކަމަށެވެ.

"އަހަންނަށް ކުރެވެން އޮތް އެންމެ ބަރާބަރަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން" އެލިސަން ބުންޏެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި އެލިސަން ލިވަޕޫލަށް ބަދަލުވިއިރު އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ވަނީ އެލިސަންގެ އަގުގެ ސަބަބުން އޭނާ އަށް އިތުރު އެއްވެސް ޕްރެޝަރެއް ކުރިމަތިނުވާނެ ކަމަށް ބުނެފައެވެ.

"އެލިސަން ގެނައުމަށް އަހަރުމެން ބޭނުންވީ އެ އަގުގައެއް ނޫން. އެއީ ޓްރާންސްފާ މާކެޓު ޑިމާންޑްކުރާ އަގު. އަހަންނަށް ވެސް އިނގޭ މިކަމާ ގުޅޭގޮތުން މީހުން ތަފާތު ވާހަކަތައް ދައްކާނެކަން ވެސް. އެކަމަކު އެއީ އަހަރުމެންނަށް މާ މުހިއްމު ވާހަކަތަކެއް ނޫން. އަހަރުމެންގެ ސްކޮޑަށް އަނެއްކާވެސް އިތުރު މި ކުރެވުނީ މުހިއްމު ކުޅުންތެރިއެއް. އެއީ މިވަގުތު އަހަރުމެން އެންމެ ސަމާލުކަން ދޭ ކަމަކީ" ކްލޮޕް ބުންޏެވެ.

އެލިސަންއާއެކު ލިވަޕޫލްގެ ސްކޮޑަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ފުރިހަމަވެފައިވާ ކަމަށާއި މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އިތުރު ކުޅުންތެރިއެއް ގެނައުމަކީ ދެން ވަރަށް ދުރު ކަމެއް ކަމަށްވެސް ކްލޮޕް ބުންޏެވެ.

އެލިސަން ލިވަޕޫލް އަށް ބަދަލުވިއިރު އެ ކްލަބުގެ މިހާރުގެ އެއް ނަމްބަރު ކީޕަރަކީ ލޮރިސް ކަރިއުސްއެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އަދި ލިވަޕޫލް ޕްރީ ސީޒަން މެޗުތަކުގައި ވެސް ކަރިއުސް އަތުން ބޮޑެތި ގޯސްތަކެއް ހެދިފައިވާއިރު އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެގެން ގޮސްފައެވެ.

މިދިޔަ ސީޒަނުގައި ރޯމާގައި މޮޅު ކުޅުމެއް އެލިސަން ދެއްކިއިރު މިފަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރި ބްރެޒިލްގެ ޓީމުގެ އެއް ނަމްބަރު ކީޕަރަކީ ވެސް އެލިސަންއެވެ.

އެލިސަންގެ އިތުރުން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ލިވަޕޫލް އިން ވަނީ މޮނާކޯ އަށް ކުޅެމުން އައި ފަބީނިއޯ އާއި ސްޓޯކް ސިޓީ އަށް ކުޅެމުން އައި ޝަގީރީ ވެސް އެ ކްލަބަށް ގެނެސްފައެވެ.