ކޮލިފައިންގެ ޕްލޭ އޮފް ފައިނަލުގައި 2-0 އިން ނޯތް މެސެޑޯނިއާ ބަލިކޮށް ޕޯޗުގަލް އިން ގަތަރު ވޯލްޑް ކަޕުން ޖާގައެއް ހޯދައިފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭ އޮފް ބުރުގެ ސެމީ ފައިނަލުގައި ޕޯޗުގަލް ވަނީ 3-1 އިން ތުރުކީ ބަލިކޮށްފައެވެ. ނޯތް މެސެޑޯނިއާ ފައިނަލަށް ދަތުރު ކުރީ ސެމީގައި ޔޫރޯގެ ޗެމްޕިއަން އިޓަލީ ކަޓުވާލުމަށްފަހުއެވެ.

ފައިނަލުގައި ރޭ ޕޯޗުގަލް ކުރިހޯދިއިރު މެޗުގެ ތަރިއަކަށްވީ މެޗުގައި ފެނިގެންދިޔަ ދެ ގޯލް ވެސް ޖެހި ބްރޫނޯ ފެނާންޑޭޒް އެވެ. މެޗުގެ 32 ވަނަ މިނެޓުގައި ފެނާންޑޭޒް ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ރޮނާލްޑޯ ދިން ޕާހަކުންނެވެ. އޭނާ ދެވަނަ ގޯލް ޖެހީ މެޗުގެ 66 ވަނަ މިނެޓުގައި ޖޮޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ޕޯޗުގަލް ވޯލްޑް ކަޕުން ޖާގަ ހޯދިއިރު ގަތަރު މުބާރާތް ވެގެންދާނީ ރޮނާލްޑޯގެ ފަސްވަނަ ވޯލްޑް ކަޕަށެވެ.

ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގައި ރޭ ރޮބަޓް ލެވަންޑޯސްކީގެ ޕޮލަންޑުން ވަނީ 2-0 އިން ސްވިޑެން ބަލިކޮށް މުބާރާތުން ޖާގައެއް ހޯދައިފައެވެ. މެޗުގައި ޕޮލަންޑަށް ގޯލް ޖަހައިދިނީ ލެވަންޑޯސްކީގެ އިތުރުން ޕިއޮޓްރެ ޒިއެލިންސްކީ އެވެ. ޕޮލަންޑަށް ޕްލޭ އޮފްގެ ފައިނަލް މެޗުން ފުރުސަތު ލިބުނީ ސެމީގައި އެގައުމު ވާދަކުރަން އޮތް ރަޝިއާ އަށް ފީފާ އިން ފިޔަވަޅު އެޅުމުންނެވެ. އަނެއްކޮޅުން ސްވިޑަން ފައިނަލަށް ދިޔައީ ސެމީގައި ޗެކް ރިޕަބްލިކް ބަލިކުރުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕޮގުބާ

    ބުނެފަ ދޯ ތަޅާލީ ސަޅި

    5
    2
  2. ރައްޔިތުމީހާ

    ހެހެހެހެ ... ރޮނާލްޑޯގެ ޕޯޗުގަލް...
    ދަގަނޑޭގެ ދިވެހިރާއްޖެ ....
    މެސީގެ އާޖެންޓީނާ ...

    10
  3. އަޅޭ

    މަރުހަބާ! ތިއީ އަބަދުވެސް ޗެމްޕިއަން!

    5
    4
  4. މެސީ ❤️

    މެސީ ގަދަވާނެ

    2
    4