ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ފްރާންސްގެ އޮލިމްޕިކް ލިޔޯން ބަލިކޮށް އިންގްލަންޑުގެ ވެސްޓް ހަމް ޔުނައިޓެޑުން މުބާރާތުގެ ސެމީން ފުރުސަތު ހޯދިއިރު ޖަރުމަނުގެ ލެއިޕްޒިގު އަތުން ބަލިވެ އިޓަލީގެ އެޓަލަންޓާ މުބާރާތާ އަލްވަދާއު ކިޔައިފިއެވެ.

ކުއާޓާގެ ފުރަތަމަ ލެގުގައި މިދިޔަ ހަފުތާގައި ވެސްޓް ހަމްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގައި ރޭ ވެސްޓް ހަމް އިން ވަނީ ރަށުން ބޭރުގައި މޮޅު ކުޅުމެއް ދައްކައި 3-0 އިން ލިޔޯން ބަލިކޮށްފައެވެ.

ލިޔޯން ދަނޑުގައި ރޭ ވެސްޓް ހަމުން ޖެހި ފުރަތަމަ ގޯލް މެޗުގެ 38 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރު ކްރެއިގް ޑޯސަން އެވެ. ޕަބްލޯ ފޯނަލްސް ނެގި ކޯނަރެއްގައި ޑޯސަން ގޯލް ޖެހީ ބޮލުންނެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ވެސްޓް ހަމްގެ ކެޕްޓަން ޑެކްލަން ރައިސް ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ވެސްޓް ހަމްގެ ތިންވަނަ ގޯލް ޖެހީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖެރޮޑް ބޮވެން އެވެ. ބޮވެންގެ މި ގޯލަކީ ވެސް ފޯނަލްސް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ގޯލެކެވެ.

ސެމީގައި ވެސްޓް ހަމް ކުޅޭނީ މިރޭ ސްޕެއިންގެ ބާސެލޯނާ ކަޓުވާލި ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންފާޓާ އެވެ.

ކުއާޓާގައި ޖަރުމަނުގެ އާރުބީ ލެއިޕްޒިގުން ވަނީ އިޓަލީގެ އެޓަލަންޓާ ކަޓުވާލައި ސެމީން ފުރުސަތު ހޯދައިފައެވެ. އެޓަލަންޓާގެ ދަނޑުގައި ރޭ ލެއިޕްޒިގުން ވަނީ 2-0 އިން އެ ޓީމު ބަލިކޮށްފައެވެ. އެޓަލަންޓާ ކޮޅަށް މިރޭ ލެއިޕްޒިގުން ޖެހި ދެ ގޯލު ވެސް ޖެހީ ކްރިސްޓޮފާ އެންކުންކޫ އެވެ.

ފުރަތަމަ ލެގު 1-1 އިން އެއްވަރު ވެފައި އޮތުމުން އެގްރިގޭޓުން ލެއިޕްޒިގަށް ކުރި ލިބުނީ 3-1 އިންނެވެ.

މުބާރާތުގެ ސެމީގައި އެޓަލަންޓާ ވާދަކުރަން ޖެހޭނީ ސްކޮޓްލެންޑްގެ ރޭންޖާސްއާ އެވެ. ރޭންޖާސް ސެމީން ފުރުސަތު ހޯދީ ޕޯޗުގަލްގެ ބްރާގާގެ މައްޗަށް 3-2 ގެ އެގްރިގޭޓުން ކުރިހޯދައިގެންނެވެ. ފުރަތަމަ ލެގުގައި 1-0 އިން ކުރިހޯދީ ބްރާގާ އެވެ. އެހެންނަމަވެސް ރޭ ރޭންޖާސް އިން ވަނީ 3-1 އިން ބްރާގާ ބަލިކޮށްފަ އެވެ.

ރޭންޖާސް ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމަށް ގޯލްތައް ޖަހައިދިނީ ޖޭމްސް ޓަވެނިއާ އާއި ކެމާ ރޫފް އެވެ. ޓަވެނިއާ ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ. ބްރާގާގެ ހަމައެކަނި ގޯލު ޖަހައިދިނީ ޑޭވިޑް ކާރްމޯ އެވެ.