ޕެނަލްޓީގައި ރޯމާ ބަލިކޮށް, ޔޫރޮޕާ ލީގުގެ ތަށި މިފަހަރުވެސް ސްޕެއިންގެ ސެވިއްޔާއިން ހޯދައިފިއެވެ.

ފައިނަލް މެޗު ސެވިއްޔާއިން ކާމިޔާބުކުރީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ސެވިއްޔާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި 07 ވަނަ ފަހަރެވެ.

ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ރޭ ކުޅުނު ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ލީޑު ނެގީ ރޯމާ އިންނެވެ. މިއީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ރޯމާގެ އިޓަލީ ޑިފެންޑަރު ޖިއަންލޫކާ މަންޗިނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕައުލޯ ޑިބާލާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފު ފެށިގެން ސެވިއްޔާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތަށް ވަރުގަދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މި ލަނޑަކީ ސެވިއްޔާގެ ކުޅުންތެރިއެއް ރޯމާގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި އެޓީމުގެ އިޓަލީ ޑިފެންޑަރު ޖިއަންލޫކާ މަންޗިނީ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

އިތުރު ވަގުތުގެ ދެ ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖެހުމަށް ފުރުސަތު ލިބި ބޭކާރުވެފައިވެއެވެ. ޕެނަލްޓީގައި ސެވިއްޔާ އިން ޖެހި ހަތަރު ޕެނަލްޓީ ވެސް އެޓީމުން ކާމިޔާބުކުރި އިރު، ރޯމާ އިން ޖެހި ތިން ޕެނަލްޓީގެ ތެރެއިިން ދެ ޕެނަލްޓީ ސެވިއްޔާގެ ގޯލްކީޕަރު ބޯނޯ ވަނީ ދިފާއުކޮށްފައެވެ.

ސެވިއްޔާ މޮޅުވުމާއެކު އެޓީމުން ވަނީ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ޔޫރަޕުގެ މުބާރާތްތަކުގެ ފައިނަލުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް ގެނެސްފަ އެވެ.

ސެވިއްޔާއަކީ މިސީޒަންގައި ވެސް ލަލީގާގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނޭ ޓީމެއް ނޫނެވެ. އެކަމަކު ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޓީމްގެ ގޮތުގައި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނެއެވެ.