މިރޭ ޔުރަޕާ ލީގުގެ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ސެވިއްޔާ ބައްދަލުރި މެޗު ސެވިއްޔާއިން ކާމިޔާބުކޮށްފިއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ސެވިއްޔާއިން ކާމިޔާބުކުރީ 0-3ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި މެންޗެސްޓަރގެ ދަނޑުގައި ކުޅުނު މެޗު ނިމިފައިވަނީ 2-2ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މިރޭގެ މެޗްގެ ފުރަތަމަ ހާފުގައި މެންޗެސްޓަރއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް ސެވިއްޔާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ސެވިއްޔާއިން ކާމިޔާބު ކުރީ މެޗުގެ އަށްވަނަ މިނެޓުގައެވެ.

މެންޗެސްޓަރގެ ކީޕަރު ދެހެޔާ ޑިފެންޑަރ މެގުއާއަށް ދިން ބޯޅައެއް ކުރިޔަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ސެވިއްޔާގެ ކުޅުންތެރިއެއް ގައިގާ ޖެހި ސެވިއްޔާގެ އެން ނެސީރީއަށް ލިބުން ސިދާ ގޯލަށް ފޮނުވާލާ ފުރަތަމަ ލަނޑު ކާމިޔާބުކުރިއެވެ. މި ލަނޑާއެކު ސެވިއްޔާއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް އިތުރު ހަމަލާތަކެއް ގޯލަށް އަމާޒުކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ދަނިކޮށް ސެވިއްޔާގެ ލޫކަސް އޮކެމްޕޯސް ޖެހި ގޯލު ވަނީ އޮފްސައިޑް ގޯލެއް ގޮތުގައި ވީއޭއާރުން ނިންމާފައެވެ.

މެންޗެސްޓަރގެ މުހިންމު ގިނަ ކުޅުންތެރިންނަށް މިރޭ އަނިޔާގެ ސަބަބުން ނުކުޅެވުނު ނަމަވެސް އަނިޔާގެ ސަބަބުން ފުރަތަމަ ލެގުގައި ނުކުޅެވުނު ރަޝްފޯޑް ވަނީ މި މެޗުގެ ދެވަނަ ހާފުގަައި ކުޅުމާއި ގުޅިފައެވެ. އެހެން ނަމަވެސް ދެވަނަ ހާފުގައިވެސް ގޯލެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

ދެވަނަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއް ނުވަނީސް ސެވިއްޔާއިން ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށްފައެވެ. އިވާން ރަކިޓިޗް ނަގައިދިން ކޯނަރެއް ބޮލުން ގޯލަށް ފޮނުވާލައިގެން ސެވިއްޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ދިނީ ލޮއިކް ބޭޑެއެވެ.

ސެވިއްޔާގެ ތިންވަނަ ލަނޑަކީވެސް މެންޗެސްޓަރގެ ކުޅުންތެރިންނަށް ހެދުނު ގޯހަކުން ކާމިޔާބުކުރެވުން ގޯލެކެވެ. މެންޗެސްޓަރގެ ކުޅުންތެރިއަކު ފަހަތަށް ފޮނުވާލި ބޯޅައެއް ކީޕަރަށް ރަނގަޅަށް ފޮނުވާ ނުލެވުމުން އޭގެ ފައިދާ ނައިގާ މި ލަނޑުވެސް ކާމިޔާބުކޮށް ދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި އެން ނެސީރިއެވެ. މި ނަތީޖާއާއި އެކު އެގްރިގޭޓް 2-5ގެ ނަތީޖާއަކުން ސެވިއްޔާވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މޭމަހުގެ 11 ވަނަ ދުވަހު ސެވިއްޔާއިން ނިކުންނާނީ ޔުވެންޓަސްއާއި ދެކޮޅަށެވެ. ދެވަނަ ލެގު އޮންނާނީ މޭމަހުގެ 18 ވަނަ ދުވަހުއެވެ.