ޔޫރަޕަރ ލީގުގައި މިރޭ ކުޅުނު ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ސެވިއްޔާ ބައްދަލުކުރި މެޗު 2-2ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ދެ ލަނޑު ޖަހާ ލީޑުނަގާފައެވެ. ޔުނައިޓެޑުގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޑުގައި ކާމިޔާބުކޮށްދިނީ މާސަލް ސެބިޓްޒަރއެވެ. މި ލަނޑާއެކު ޔުނައިޓެޑުން ކުޅުން އިތުރަށް ރަނގަޅު ކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ދެވަނަ ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ، އެންތޮނީ މާޝިއަލް ތަނަވަސްކޮށްދިން ބޯޅައަކުން މާސެލް ސަބީޒާއެވެ.

2-0 ގެ ނަތީޖާއަކުން ފުރަތަމަ ހާފް ނިމި، ދެވަނަ ހާފުގައި ސެވިއްޔާއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ޔުނައިޓެޑުގެ ގޯލަށް ނުރައްކާތެރި ހަމަލާ ތަކެއް ފޮނުވާ ލާފައެވެ. މެންޗެސްޓަރގެ އެހީތެރިކަމާއެކު ސެވިއްޔާއިން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. ސެވިއްޔާގެ ފުރަތަމަ ލަނޑަކީ ޔުނައިޓެޑުގެ ޑިފެންޑަރ މަލަސިއާ އަތުން ބައިކޮޅަށް ޖެހުނު ލަނޑެކެވެ.

މި ނަތީޖާގައި މެޗު ނިމެން ދަނިކޮށް ސެވިއްޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީވެސް ޔުނައިޓެޑުގެ ހެރީ މެގުއަރ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މެގުއަރ ކުޅުމާއި ގުޅިފައިވަނީ މެޗުގެ 46 ވަނަ މިނެޓުގައެވެ. މެގުއަރ އަތުން ބައި ކޮޅަށް ވަތް ގޯލު ވަދެފައިވަނީ މެޗުގެ 90 މިނެޓު ހަމަވެގެން އިތުރަށް ދެއްކި ވަގުތުގައެވެ.

ފަހަކަށް އައިސް ޔުނައިޓެޑުން ކުޅޭ ގިނަ މެޗުތަކުގައި ކެޕްޓަން މެގުއަރ އިންނަނީ ބެންޗުގައެވެ. ބައެއް ފަހަރު ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅުނު ނަމަވެސް މެގުއަރ އައް ގިނަ ބައެއްގެ ފާދުކިޔުންދަނީ އަމާޒު ވަމުންނެވެ.

ކުއާޓަރ ފައިނަލުގައި މި ދެޓީމުގެ ދެވަނަ ލެގު އޮންނާނީ މި މަހުގެ 21ވަނަ ދުވަހު ސެވިއްޔާގެ ދަނޑުގައެވެ.