ޖަރުމަން ލީގުގައި އަރްމީނިއާ ބިލެފެލްޑް 0-3 ގެ ނަތީޖާއަކުން ބަލިކޮށް ބަޔާން މިއުނިކް ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ނުވަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އަރްމީނިއާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 10 ވަނަ މިނެޓުގައި ބަޔާނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ އަރްމީނިއާގެ ލާސަން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ލަނޑަށްފަހުވެސް ބޯޅަ ކޮންޓްރޯލް ކޮށްގެން ބަޔާނުން ރަނގަޅަށް ކުޅެމުން ގޮސްފައިވާއިރު، ލީޑު ފުޅާކުރަން އެޓީމަށް ވަނީ ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ބަޔާނުން މެޗުގެ ލީޑު ފުޅާކުރީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ކިމިޗްގެ އެހީތެރިކަމާއެކު ނަބްރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއަކުން އަރްމީނިއާގެ މައްޗަށް ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ބޯޅަ ކޮންޓްރޯލްކޮށް މޮޅަށް ކުޅެމުންދިޔައީ ބަޔާނުންނެވެ. އެގޮތުން އެޓީމުން ދިޔައީ އަރްމީނިއާގެ ހާފަށް ބާރުބޮޑުކޮށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ.

މުޅި މެޗުގައިވެސް އަރްމީނިއާގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު، އެޓީމަށް ބަޔާންގެ ގޯލަށް ނުރައްކާކޮށް މާ ނުރައްކާތެރި ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ.

ބަޔާންގެ ތިން ވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުސިއަލާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރޮބަޓް ލެވަންޑޯސްކީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި ނަތީޖާއާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު 30 މެޗުން ލިބުނު 72 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި އަރްމީނިއާ އޮތީ ކުޅުނު 30 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 17 ވަނައިގައެވެ.