ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ފުލަމް އަނެއްކާވެސް ޕްރިމިއާ ލީގަށް ޕްރޮމޯޓްވެއްޖެއެވެ.

ޗެމްޕިއަންޝިޕްގައި ބާކީ ފުލަމް ހަތަރު މެޗު ކުޅެން އޮތްއިރު، އެޓީމު ޕްރިމިއާ ލީގަށް ޕްރޮމޯޓްވީ މިރޭ ޕްރިސްޓަން ނޯތު އެންޑް އަތުން 0-3 ގެ ނަތީޖާއަކުން ހޯދި މޮޅާއެކުގައެވެ.

ފުލަމް ވަނީ މި ސީޒަނުގެ ޗެމްޕިއަންޝިޕްގައި ކުޅުނު 42 މެޗުގެ ތެރެއިން 26 މެޗު ކާމިޔާބުކޮށް 86 ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމު 8 މެޗުން ބަލިވެފައިވާއިރު، އަނެއް 8 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ފުލަމްގެ ފަހަތުން ޕޮއިންޓް ތާވަލުގެ ދެވަނައިގައި އޮތް އޭއެފްސީ ބޯންމައުތުއަށް ލިބިފައިވަނީ 41 މެޗުން 77 ޕޮއިންޓެވެ.

މިއީ ފާއިތުވެދިޔަ ފަސް ސީޒަނުގެ ތެރޭގައި ފުލަމް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ތިންވަނަ ފަހަރެވެ. އެގޮތުން އެޓީމު 2017-18 ވަނަ ސީޒަނުގައި ޗެމްޕިއަންޝިޕްގައި ވާދަކޮށް 2018-19 ވަނަ ސީޒަނުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓްވެފައިވާއިރު، އަނެއްކާވެސް ރެލިގޭޓްވެ 2019-20 ވަނަ ސީޒަނުގައި ޗެމްޕިއަންޝިޕްގައި ވާދަކޮށް އެޓީމު ވަނީ 2020-21 ވަނަ ސީޒަނުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓްވެފައެވެ. އަދި އެ ސީޒަނުގެ ޕްރިމިއާ ލީގުގައި ރެލިގޭޓްވެ، މި ސީޒަނުގެ ޗެމްޕިއަންޝިޕްގައި ވާދަކޮށް އަނެއްކާވެސް އެޓީމު ވަނީ ކުރިޔަށް ސީޒަނުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓްވެފައެވެ.

މި ސީޒަނުގައި ފުލަމްއަށް ތަފާތު ދައްކައި، އެޓީމު ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދިނުމަށް އެންމެ މުހިންމު ދައުރެއް އަދާކޮށްފައި ވަނީ ސާބިއާގެ ސްޓްރައިކަރު އެލެކްސެންޑާ މިޓްރޮވިޗްއެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި އެ ކްލަބަށް 40 ލަނޑު ކާމިޔާބުކޮށްދީފައެވެ.