ކޮޕަ އިޓަލިއާގައި އަމިއްލަ ދަނޑުގައި 0-2 ގެ ނަތީޖާއަކުން ފިއޮރެންޓީނާ ބަލިކޮށް ޔުވެންޓަސް ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު ސެމީ ފައިނަލް ދެވަނަ ލެގުގައި 0-2 ގެ ނަތީޖާއަކުން އެޓީމުން ފިއޮރެންޓީނާ ބަލިކުރިއިރު، ފިއޮރެންޓީނާ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ނިމިފައިވަނީ 0-1 ގެ ނަތީޖާއިން ފިއޮރެންޓީނާގެ މައްޗަށް ޔުވެންޓަސް ކުރިހޯދައިގެންނެވެ. މިގޮތުން ޔުވެންޓަސް ފައިނަލަށް ދަތުރުކުރީ 0-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ދެވަނަ ލެގުގެ މެޗު ފެށިގެން ޔުވެންޓަސްއިން ފިއޮރެންޓީނާގެ ހާފަށް ބާރުބޮޑުކޮށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، މި މެޗުގައި ފިއޮރެންޓީނާއިންވެސް ވަނީ ޔުވެންޓަސްގެ ހާފަށް ބާރުބޮޑުކޮށް ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގައި ޔުވެންޓަސްއިން ލަނޑު ޖަހާ ލީޑު ނެގީ 32 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެނަޑެޝީއެވެ. މި ލަނޑާއެކު ފިއޮރެންޓީނާއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކުރިއެވެ.

ނަމަވެސް، ފިއޮރެންޓީނާގެ ހަމަލާތައް ޔުވެންޓަސްއިން ދިފާއުކޮށްފައިވާއިރު، އެޓީމަށް ލީޑު ނެގުމަށް ޔުވެންޓަސްއިން ފުރުސަތު ދީފައެއް ނުވެއެވެ. ފުރަތަމަ ހާފް ނިމިފައިވަނީ 0-1 ގެ ނަތީޖާއަކުން ފިއޮރެންޓީނާގެ މައްޗަށް ޔުވެންޓަސް ކުރީގައި އޮވެގްނެވެ.

ދެވަނަ ހާފް ފެށިގެން ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް ދެޓީމަށްވެސް ވަނީ ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. ޔުވެންޓަސްއިން މެޗުގެ ލީޑު ފުޅާކުރީ 90 މިނެޓުގެ ކުޅުން ހަމަވެގެން އިތުރު ވަގުތުގެ ތެރޭގައި ޑެނީލޯ ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއެކު ފައިނަލުގައި ޔުވެންޓަސް ބައްދަލުކުރާނީ ރޭ 0-3 ގެ ނަތީޖާއަކުން އޭސީ މިލާން ބަލިކޮށް ފައިނަލުން ޖާގަ ހޯދި އިންޓަ މިލާންއާއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 11 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:45 ގައެވެ.