އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި 2-3 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ކުރީކޮޅު ޔޫވީއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ހަތަރުވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހައިސަމްއެވެ. މި ލަނޑަށްފަހުވެސް ލީޑު ފުޅާކުރަން ޔޫވީއަށް ވަނީ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ޓީސީން ވަނީ އެޓީމުގެ ކުޅުން ވަރުގަދަކޮށް، ޔޫވީގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ނަތީޖާ ހަމަހަމަ ކުރުމަށް އެޓީމުން ވަނީ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

ޓީސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 27 ވަނަ މިނެޓުގައި ހަމްދޫން އަބްދުލް ލަތީފް ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑާއެކު ފުރަތަމަ ހާފްގެ ފަހުކޮޅު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ ހަމަހަމަ ކުޅުމާއެކު، ހާފް ނިމިފައިވަނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ޓީސީ އަދި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ނަމަވެސް ދެވަނަ ހާފް ފެށިގެން ޔޫވީން ވަނީ އެޓީމަށް ގެނައި ބަދަލުތަކާއެކު ކުޅުން ވަރުގަދަކޮށް، ޓީސީގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތައް ފޮނުވާލާފައެވެ. އެގޮތުން އެޓީމުން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގީ 57 ވަނަ މިނެޓުގައި މޯރީ އެއިސޫކޭ ކާމިޔާބުކުރި ލަނޑުންނެވެ.

މި ލަނޑަށްފަހުވެސް ޔޫވީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ލީޑު ފުޅާކުރީ 73 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ބައްސާމް ކާމިޔާބުކުރި ލަނޑުންނެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ހައިސަމް ވަނީ ޓީސީއަށް ނަތީޖާގެ ފަރަތު ކޮޑަކޮށްދީފައެވެ.

މި ލަނޑާއެކު ޓީސީން ވަނީ ޔޫވީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ޔޫވީ ވަނީ ކުޅުނު 10 މެޗުން 14 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ޓީސީ އޮތީ ކުޅުނު 10 މެޗުން ލިބުނު 11 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ.