އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި 0-5 ގެ ނަތީޖާއަކުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް، ރަނގަޅަށް ކުޅެމުންދިޔައީ މާޒިޔާއިންނެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ ކުރީކޮޅު ލީޑުވެސް ނަގާފައެވެ. މި ލަނޑު ފަސް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ.

މި ލަނޑަށްފަހުވެސް މާޒިޔާއިން ރަނގަޅު ކުޅުމެއް ދައްކަމުން ގޮސްފައިވާއިރު، އެޓީމުން ލީޑު ފުޅާކޮށްފައިވަނީ 22 ވަނަ މިނެޓުގައި މޮންޓެނީގްރޯ ޑިފެންޑަރު ކާޓަލް ކާމިޔާބުކުރި ލަނޑުންނެވެ. އަދި މާޒިޔާއިން ލީޑު އިތުރަށް ފުޅާކުރީ 34 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ކާމިޔާބުކުރި ލަނޑުންނެވެ.

ފުރަތަމަ ހާފްގައި ދަ ގްރާންޑޭގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު، އެޓީމަށް ގޯލާ ދިމާލަށް ފޮނުވާލެވިފައި ވަނީ އެންމެ ހަމަލާއެއްކަންވެސް ފާހަގަކޮށްލެވެއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައި ވަނީ ކޯނޭއެވެ.

މާޒިޔާ އަދި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފް ފެށިގެން ދަ ގްރާންޑޭއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް، ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް، މެޗުގެ ކޮންޓްރޯލް ނެގުމަށް މާޒިޔާއިން އެޓީމަށް ފުރުސަތު ދީފައެއް ނުވެއެވެ. އެގޮތުން މާޒިޔާއިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ދަ ގްރާންޑޭގެ ހާފަށް ބާރުބޮޑުކޮށްފައެވެ.

މާޒިޔާއަށް މި ހާފްގައި ލަނޑު ޖަހަން ގިނަ ފުރުސަތުތައް ލިބިފައިވާއިރު، ނިންމާލުމަށް އުނދަގޫތަކެއް ދިމާވިއެވެ. ނަމަވެސް 79 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަސަދުﷲ އަބްދުﷲ ކާމިޔާބުކުރި ލަނޑުން މާޒިޔާއިން ވަނީ އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި ލަނޑަށްފަހުވެސް މާޒިޔާއަށް ވަނީ ލީޑު އިތުރަށް ފުޅާކުރަންވެސް ފުރުސަތުތައް ލިބިފައެވެ. އެގޮތުން 85 ވަނަ މިނެޓުގައި އަސައްކޮއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލު ދަނޑިއަށެވެ.

މި ނަތީޖާއާއެކު މާޒިޔާ އޮތީ ކުޅުނު 10 މެޗުން ހޯދި 27 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މާޒިޔާގެ ފަހަތުން ދެވަނައިގައި ނުވަ މެޗުން 22 ޕޮއިންޓް ހަމަކޮށްގެން ކްލަބް އީގަލްސް އޮތްއިރު، ތިންވަނައިގައި 10 މެޗުން 14 ޕޮއިންޓް ހަމަކޮށްގެން އޮތީ ޔުނައިޓެޑް ވިކްޓްރީއެވެ. އަދި މިރޭގެ މެޗުން ބަލިވި ދަ ގްރާންޑޭ އޮތީ ކުޅުނު 10 މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފުލުގައެވެ.

ލީގުގައި މާދާމާ ރޭ ކްލަބް ވެލެންސިއާ އަދި ކްލަބް ގްރީން ސްޓްރީޓް ބައްދަލުކުރާއިރު، އާދީއްތަ ދުވަހުގެ ރޭ ބައްދަލުކުރާނީ ސުޕާ ޔުނައިޓެޑް ސްޕޯޓްސް އާއި އީގަލްސްއެވެ. މި މެޗުތަކަށްފަހު ޕޮއިންޓް ތާވަލަށް ބަދަލު އަންނާނެއެވެ.