ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ރަމަޞާން މަހާދިމާކޮށް ބާއްވާ ކްރިކެޓް ކާނިވަލްގެ އޮފީސް ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މީރާ ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް ކާމިޔާބުކޮށް މީރާ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް އާއި ވާދަކޮށްގެންނެވެ.

މެޗުގެ ޓޮސް ދިމާވެގެން ކަސްޓަމްސް ގަސްދުކުރީ ހޮވުމަށެވެ. އެހެންކަމުން މީރާ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 6 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 146 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 73 ލަނޑު ހެދި ކަމްރުލް އެވެ.

ޖަވާބުގައި ކަސްޓަމްސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 131 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 50 ލަނޑު ހެދި މުހައްމަދު އާމިރު އަދި 40 ލަނޑު ހެދި މަހްމޫދު ރިޔާޒެވެ.

  • އޮފީސް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ – ކަމްރިލް އިސްމާއިލް (މީރާ)
  • އެންމެ މޮޅު އުކުންތެރިޔާ – މުހައްމަދު ތޯރިގް (ދިވެހި ސިފައިންގެ ކުލަބު)
  • މުބާރާތުގެ ރަނަރަޕް ޓީމް – ކަސްޓަމްސް ރިކްރިއޭޝަން ކްލަބް.
  • މުބާރާތުގެ ޗެމްޕިއަން ޓީމް – މީރާ

މުބާރާތުގެ އިނާމާއި ތަށި ދެއްވީ ކްރިކެޓް ބޯރޑުގެ ކުރީގެ ނައިބުރައީސް ފަރުހަތު ޖަލީލްއެވެ.

މީގެއިތުރުން ކޮމްޕެނީ މުބާރާތުގެ މެޗެއް މިއަދު ކުޅުނެވެ. ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ މިއަދު އެލިއާ މޯލްޑިވްސްމާއި ބައްދަލުކޮށް އެސްޓީއޯ ކާމިޔާބުކުރީ 72 ލަނޑުންއެވެ.

އެސްޓީއޯ ވަނީ ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 174 ލަނޑު ހަދާފައެވެ. އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި ރަބީއުލްއާލަމް އަދި 33 ލަނޑު ހެދި އަލްހާޒް އަހުމަދު ގެ އިތުރުން 31 ލަނޑު ހެދި ހެލާލް ހުސެއިން އެވެ. ޖަވާބުގައި އެލިއާ މޯލްޑިވްސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 102 ލަނޑެވެ.

މާދަމާ ކޮމްޕެނީ މުބާރާތުގެ ތިން މެޗް ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ލެމަންގްރާސް އާއި ފްރެންޑްސް މޯލްޑިވްސް ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އެމްޓީސީސީ އޭ އަދި އެމްޓީސީސީ ބީ ޓީމެވެ. އަދި ތިންވަނަ މެޗްގައި ބައްދަލުކުރާނީ އިކްއިވިލަންޓް ޕްރައިވެޓް ލިމިޓެޑްއާއި އަހިންސަކާރސްއެވެ.

ކިޔުންތެރިންގެ ހިޔާލު