ސްޕެނިޝް ލަލީގާގައި ފަހުވަގުތު 1-2 ގެ ނަތީޖާއަކުން ރެއާލް ބެޓިސް ބަލިކޮށް، ބާސެލޯނާއިން ކުރިޔަށް އޮތް ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ބެޓިސް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔައީ ބާސާއިންނެވެ. އެގޮތުން އެޓީމުން ދިޔައީ ބެޓިސްގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާތައް އުފެއްދުމަށްވެސް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، މުޅި މެޗުގައިވެސް ބާސާ ހިފެހެއްޓުމަށް ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ބެޓިސްއިން ވަނީ އެޓީމަށް ފުރުސަތު ލިބޭ ކޮންމެ ފަހަރަކު ކުރިޔަށް ޖެހި ބާސާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ. އެގޮތުން ރަނގަޅު ހަމަލާތަކެއްވެސް އެޓީމުން ވަނީ އުފައްދާފައެވެ.

ދެވަނަ ހާފް ފެށިގެން ދެޓީމުންވެސް އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ދިޔައީ ތަނަވަސް ކުރަމުންނެވެ. އެގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 76 ވަނަ މިނެޓުގައި އަލްބާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އަންސޫ ފަޓީއެވެ.

ބާސާއިން ލީޑު ނެގިތާ ތިން މިނެޓު ފަހުން ބެޓިސްއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކް ބާޓްރާއެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ޑެނީ އަލްވޭސް ދިން ޕާހަކުން އަލްބާ ވަނީ ބާސާއަށް ލީޑު އަނބުރާ ހޯދައިދީފައެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 35 މެޗުން ލިބުނު 69 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެ ވަނައިގައެވެ. މެޗުން ބަލިވި ބެޓިސް އޮތީ ކުޅުނު 35 މެޗުން ލިބުނު 58 ޕޮއިންޓާއެކު ޕޮއިންޓް ތާޥަލުގެ ފަސް ވަނައިގައެވެ. އެއްވަނައިގައި 34 މެޗުން 81 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު، ތިން ވަނައިގައި 34 މެޗުން 64 ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ. އަދި ހަތަރު ވަނައިގައި 34 މެޗުން 61 ޕޮއިންޓާއެކު އޮތީ އެޓްލެޓިކޯ މެޑްރިޑެވެ.