މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުރިމަގާ ބެހޭގޮތުން ޔުނައިޓެޑުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަންއާ މަޝްވަރާކޮށްފިއެވެ.

ދަ މިރާއިން ބުނީ، ކުރިމަގާ ބެހޭ މަޝްވަރާތައް ފާގަސަންއާއެކު ރޮނާލްޑޯ ކޮށްފައިވަނީ އެ ދެ މީހުން ކުރިޔަށް ގެންދިޔަ އަމިއްލަ ބައްދަލުވުންތަކެއްގައެވެ،

މިދިޔަ އަހަރުގެ އޯގަސްޓް މަހު ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވެފައިވާއިރު، އޭނާ އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަނީ ފާގަސަން ދިރިއުޅޭ ގެއާ ކައިރި ގެއެއްގައެވެ. މިގޮތުން ފާގަސަންގެ ގެއަށް ރޮނާލްޑޯ ޒިޔާރަތް ކުރާއިރު، ރޮނާލްޑޯގެ ގެއަށް ފާގަސަންވެސް ޒިޔާރަތްކޮށް، އޭނާގެ އާއިލާއާއެކު ވަގުތުތައް ހޭދަކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުނައިޓާއެކު ރޮނާލްޑޯ ހަދާފައިވާ ދެ އަހަރުގެ އެއްބަސްވުން ހަމަވާން ދުވަސްތަކެއް އަދި އެބަ އޮތެވެ. ނަމަވެސް ކުރިޔަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުން ޔުނައިޓެޑަށް ފުރުސަތު ގެއްލުމާއެކު، އޭނާ އެހެން ކްލަބަކަށް ބަދަލުވުން ކައިރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް މި ސީޒަނުގައި މިހާތަނަށް ކުޅުނު 38 މެޗުގައި 24 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޔުނައިޓެޑްގެ ޕްލޭޔާ އޮފް ދަ މަންތު މި ސީޒަނުގައި މިހާތަނަށް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.