ބްރޫޝިއާ ޑޯޓްމަންޑްއަށް ކުޅެމުން އަންނަ ނޯވޭގެ ސްޓްރައިކަރު އެރްލިންގް ހާލަންޑް މެންޗެސްޓާ ސިޓީއަށް ބަދަލުވުމަށް އެއްބަސްވެއްޖެއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "ގޯލްޑޮޓްކޮމް" އިން ބުނީ، ސިޓީއަށް ބަދަލުވާން އުމުރުން 21 އަހަރުގެ ހާލަންޑް އެއްބަސްވެފައިވާ ކަމަށާއި، އޭނާގެ ޓްރާންސްފާއާ ގުޅިގެން ސިޓީ އަދި ޑޯޓްމަންޑްވެސް އެއްބަސްވުމަކަށް މިހާރު އައިސްފައިވާ ކަމަށެވެ.

މިގޮތުން ޑޯޓްމަންޑްގެ ޓްރެއިނިން މިސްކޮށްލުމަށްފަހު ހޯމަ ދުވަހު ހާލަންޑް ވަނީ ބެލްޖިއަމްގައި ސިޓީއަށް ބަދަލުވުމަށް މެޑިކަލްވެސް ފުރިހަމަ ކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސިޓީއަށް ހާލަންޑް ބަދަލުވާކަން މި ހަފްތާ ތެރޭގައި އިއުލާން ކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް ގޯލް އިން ބުނީ، އޭނާގެ ޓްރާންސްފާގެ ކަންކަމުގައި މިހާރު ހަމައެކަނި ނުނިމި އޮތީ ރިލީޒް ކްލައުޒްގެ ކަންތައް ކަމަށެވެ. މިގޮތުން، ސީޓީން މި ހަފްތާ ތެރޭގައި ރިލީޒް ކްލައުޒްއަށްވާ 75 މިލިއަން ޔޫރޯ ޑޯޓްމަންޑްއަށް ދައްކާނެ ކަމަށްވެސް އެ ނޫހުން ވަނީ ބުނެފައެވެ.

ރެއާލް މެޑްރިޑް، ބާސެލޯނާ އަދި ބަޔާން މިއުނިކުން ހޯދަން މަސައްކަތް ކުރި ހާލަންޑް އެ ހުރިހާ ކްލަބެއްގެ ހުށަހެޅުމަށް ފުރަގަސްދީ ސިޓީއަށް ބަދަލުވާން ނިންމާފައިވަނީ ބޮޑު މުސާރައެއް ލިބޭ ގޮތަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ގޯލް އިން ބުނެއެވެ.

ޑޯޓްމަންޑްގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 88 މެޗުގައި ހާލަންޑް ވަނީ 85 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޑޯޓްމަންޑްއާއެކު ޖަރުމަން ކަޕްވެސް ކާމިޔާބުކޮށްފައެވެ.