އިނގިރޭސި ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އާ ވާދަކޮށް 3-0 އިން އާސެނަލް ބަލިވި މެޗުގައި އޭނާގެ ޓީމުގެ ކުޅުން ހަލާކުކޮށްލީ މެޗުގެ ރެފްރީންތައް ކަމަށް އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ބުނެފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ރޭ އާސެނަލް އަތުން މޮޅުވެ ޓޮޓެންހަމުން ވަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުރަމުން އަންނަ އުއްމީދު އާކޮށްފައެވެ. ލީގުގައި ބާކީ މި ދެ ޓީމަށްވެސް ދެ މެޗު އޮތްއިރު 66 ޕޮއިންޓާއެކު އާސެނަލް ހަތަރެއްގައި އޮތްއިރު ޓޮޓެންހަމް އޮތީ 64 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

ރޭ ޓޮޓެންހަމް އަތުން މޮޅުވެގެން ގަދަ ހަތަރެއް ޔަގީން ކުރުމުގެ ފުރުސަތު އާސެނަލް އަށް އޮތެވެ. އެހެންނަމަވެސް، މެޗުގައި ކަންތައްވީ އާސެނަލްގެ ސަޕޯޓަރުން ހިތް ރުހޭ ގޮތަކަށް ނޫނެވެ. މެޗައްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް އާޓެޓާ ވަނީ މެޗުގެ ރެފްރީންނަށް އަމާޒުކޮށް ބަސްތަކެއް ރައްދުކޮށްފައެވެ.

" އަހަރެން ސީދަލަށް ވާހަކަ ދައްކައިފިނަމަ އަހަންނަށް އަންނާނީ ހަ މަހުގެ ސަސްޕެންޝަނެއް. އަހަންނަށް ނޭނގޭ ދޮގު ހަދަން. އެހެންކަމުން އަހަރެން ބޭނުމެއް ނުވޭ އަހަރެންގެ ސިކުޑީގަ ހުރި ވާހަކަތައް ބޭރުކުރަން. އަހަރެން ބޭނުންވަނީ ރެފްރީންތައް ކެމެރާ ކުރިމައްޗަށް އައިސް އެމީހުން މެޗު ތެރެއިން ނިންމި ނިންމުންތައް ތަފްސީލް ކޮށްލަދޭން. އެމީހުންނާ ހެދި އަހަރެމެންގެ ރީތި ކުޅުން މުޅިން ހަލާކުވެގެން ދިޔައީ، " އާޓެޓާ ބުންޏެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އޭރިއާ ތެރެއިން ޓޮޓެންހަމްގެ ސޮން ހިއުން މިން އަށް އާސެނަލްގެ ޑިފެންޑަރު ސެޑްރިކް ސޯރެސް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ޓޮޓެންހަމަށް ޕެނަލްޓީއެއް ދީފައެވެ. ޓޮޓެންހަމުން ލީޑު ނެގީ ކެޕްޓަން ހެރީ ކޭން ކާމިޔާބުކުރި އެ ޕެނަލްޓީންނެވެ.

އާސެނަލް އަށް އިތުރު މައްސަލަތަކާ ކުރިމަތިވީ ފުރަތަމަ ހާފުގައި ދެވަނަ ރީނދޫ ކާޑާއެކު ރެފްރީ އާސެނަލްގެ ޑިފެންޑަރު ރޮބް ހޯލްޑިންގް އަށް ރަތް ކާޑު ދެއްކުމުންނެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް އަމިއްލަ ބާރުގައި ގަދަ ހަތަރެއްގައި ސީޒަން ނިންމާލުމުގެ ބާރު އާސެނަލަށް އަދިވެސް އެބައޮތެވެ. ބާކީ އޮތް ދެ މެޗުން މޮޅުވެގެން ޓޮޓެންހަމުން ނެރޭ ނަތީޖާތަކަށް ބުރަނުވެ އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގައަކާއެކު ގަދަ ހަތަރެއް ޔަގީން ވާނެއެވެ. އާސެނަލަށް ކުރިއަށް އޮތީ ނިއުކާސަލް ޔުނައިޓެޑާއި އެވަޓަންއާ ވާދަކުރާ މެޗެވެ. އަނެއްކޮޅުން ޓޮޓެންހަމަށް އޮތީ ރެލިގޭޓް ވެފައިވާ ނޯވިޗް ސިޓީއާ ރެލިގޭޝަނާ ހަނގުރާމަ ކުރަމުންދާ ބާންލޭއާ ވާދަކުރާ މެޗެވެ.