އިނގިރޭސި ޕްރިމިއަ ލީގުގައި މިރޭ ތަފާތު ބޮޑު ނަތީޖާއަކުން ފުލުގައި އޮތް ނޯވިޗް ސިޓީ ބަލިކޮށް، ޓޮޓެންހަމް ހޮޓްސްޕާސް އިން ލީގުގެ ހަތަރުވަނަ ކަށަވަރުކޮށް އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދައިފިއެވެ.

ނޯވިޗްގެ ދަނޑުގައި ކުޅުނު މެޗު ޓޮޓެންހަމުން ކާމިޔާބުކުރީ 5-0 އިންނެވެ. މިރޭގެ މެޗާ ކުރިމަތިލިއިރު ޓޮޓެންހަމަށް ގަދަ ހަތަރެއް ގެއްލެން އޮތީ މެޗުން ބަލިވެގެން އެކަންޏެވެ. މިދިޔަ ހަފުތާގައި ކުޅުނު ނޯތް ލަންޑަން ޑާބީ މެޗު ކާމިޔާބުކޮށް އެ ޓީމުން އޮތީ އަމިއްލަ ބާރުގައި ހަތަރެއްގައި ނިންމާލުމުގެ ފުރުސަތު ހޯދައިފައެވެ.

ކޯޗް އެންޓޯނިއޯ ކޮންޓޭގެ އެންމެ ވަރުގަދަ އެގާރަ އަކާއެކު ނުކުތް ޓޮޓެންހަމުން ވަނީ ރެފްރީގެ ފުރަތަމަ ކަށިގަޑާއެކު މިރޭގެ މެޗުގެ ކޮންޓްރޯލް ނަގައިފައެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގޯލް ޖަހަން ޓޮޓެންހަމުން ދެ ހާފުގައި ވެސް ގިނަ ފުރުސަތުތައް ތަނަވަސްކުރިއެވެ.

ޓޮޓެންހަމުން މިރޭ ޖެހި ފަސް ގޯލްގެ ތެރެއިން ދެކުނު ކޮރެއާގެ ވިންގާ ސޮން ހިއުން މިން ވަނީ ދެ ގޯލް ޖަހައިފައެވެ. މިދިޔަ ޖެނުއަރީ މަހު އެ ޓީމަށް ގެނައި ޑެޖަން ކުލުސެވްސްކީ ވެސް ދެ ގޯލް ޖެހި އިރު ދެން އެ ޓީމަށް ގޯލް ޖަހައިދިނީ ކެޕްޓަން ހެރީ ކޭން އެވެ. މިރޭ ޖެހި ދެ ގޯލާއެކު ސޮން ވަނީ ލިވަޕޫލްގެ މިސްރު ފޯވަޑް މުހައްމަދު ސަލާހުއާ އެކީ ޕްރިމިއަ ލީގުގެ ރަން ބޫޓް ހާސިލްކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ލީގުގައި 23 ގޯލް ޖަހައިފައެވެ.

ޓޮޓެންހަމުން ހަތަރު ވަނައިގައި ލީގު ނިންމާލީ މުޅިއެކު 71 ޕޮއިންޓާއެކު އެވެ. ގަދަ ހަތަރެއްގެ ރޭހުގައި އެ ޓީމާ އެންމެ ވާދަކުރި އާސެނަލް ފަސްވަނައިގައި ނިންމާލީ 69 ޕޮއިންޓާއެކު އެވެ.

ޓޮޓެންހަމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރި އިރު މިއީ ކޮންޓޭގެ ޓީމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކޮންޓޭ ޓޮޓެންހަމާ ހަވާލުވިއިރު އެ ޓީމު އޮތީ ލީގުގެ ނުވަ ވަނައިގައެވެ. ކޮންޓޭގެ އިރުޝާދުގެ ދަށުން ޓޮޓެންހަމުގެ އެޓޭކު ވަރަށް ބޮޑަށް ރަނގަޅުވެގެންދިޔައިރު އެ ޓީމުން ވަނީ ގަދަ މެޗުތަކުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

ޓޮޓެންހަމް ހަތަރުވަނައިގައި ނިންމާލުމުން އާސެނަލް އަންނަ ސީޒަނުގައި ކުޅޭނީ ޔުއެފާ ޔުރޮޕާ ލީގުގައެވެ. އާސެނަލް މިރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 5-1 އިން އެވަޓަން ބަލިކޮށްފައެވެ.