ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު މެނުއެލް ނޯޔާ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ނޯޔާ ބަޔާނާއެކު އެންމެ ފަހުން ހަދާފައިވާ ކޮންޓްރެކްޓު ހަމަވާން އޮތީ 2023 ގައެވެ. އެހެންނަމަވެސް ކޮންޓްރެކްޓަށް އިތުރު އެއް އަހަރު އިތުރުކޮށް 2014 ގެ ނިޔަލަށް ބަޔާނުގައި މަޑުކުރަން ނޯޔާ ވަނީ ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އާ ކޮންޓްރެކްޓެއްގައި ސޮއި ކުރުމަށްފަހު ނޯޔާ ބުނީ ބަޔާނުގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އެއްބަސްވުން އާ ކުރީ ކޯޗް ޖޫލިއަން ނާގަލްސްމަންއާ އެކީ އަންނަ ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

" ކޮންޓްރެކްޓު އާ ކުރެވުމުން ވަރަށް ހިތްހަމަޖެހިއްޖެ. ވަރުގަދަ ޓީމަކާއެކީ އަނެއްކާވެސް ހުރިހާ ތައްޓަކަށް އަންނަ ސީޒަނުގައި އަހަރެމެންނަށް އަމާޒު ހިފޭނެ. ގޯލްކީޕަރު، ލީޑަރު އަދި ޓީމުގެ ކެޕްޓަނުގެ ހައިސިއްޔަތުން އަހަރެން ބޭނުން ކްލަބުގެ އަމާޒުތަކަށް ވާސިލްވާން އެހީވާން. އަހަރެމެން ބޭނުންވަނީ ލީގު ރެކޯޑު ދަމަހައްޓައި އަނެއްކާވެސް ޖަރުމަން ކަޕް އަދި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރުން، " ނޯޔާ ބުންޏެވެ.

ނޯޔާ އެންމެ ފުރަތަމަ ބަޔާނާ ގުޅުނީ 2011 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ކުޅުނީ ޖަރުމަނުގެ ޝާލްކޭ އަށެވެ. ބަޔާނާއެކު ނޯޔާ ވަނީ ޖަރުމަނު ލީގް ދިހަ ފަހަރު، ޖަރުމަން ކަޕް ފަސް ފަހަރު، ޖަރުމަން ސުޕަ ކަޕް ހަ ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފައެވެ. ބަޔާނުގައި ހޭދަކުރި 11 ސީޒަނުގެ ތެރެއިން ހަ ސީޒަނެއްގައި ނޯޔާ ވަނީ ޓީމް އޮފް ދަ ސީޒަނުގައި ހިމެނިފައެވެ.