މި މަހުގެ ފަހުކޮޅު އޮންނަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި އަނިޔާގެ ސަބަބުން ލިވަޕޫލްގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ތިއާގޯ އަށް އަނިޔާވީ ޕްރިމިއަ ލީގުގެ ފަހު މެޗުގައި ރޭ އަމިއްލަ ދަނޑުގައި ވުލްވްސްއާ ލިވަޕޫލް ވާދަކުރި މެޗުގައެވެ. ބޯޅަ ޖެހުމުގައި ފައިގެ ފަލަމަސްގަނޑަށް އަނިޔާވެ ތިއާގޯ ވަނީ ދަނޑުން ބާލައިފައެވެ. އަނިޔާވުމުގެ ކުރިން މެޗުގައި މޮޅަށް ކުޅެ އޭނާ ވަނީ ލިވަޕޫލުން ޖެހި ފުރަތަމަ ގޯލް ޖަހަން ސާޑިއޯ މާނޭ އަށް ފުރުސަތު ތަނަވަސްކޮށްފައެވެ.

" އަހަންނަށް ހީވަނީ ޗެމްޕިއަންސް ލީގް ފައިނަލްގައި ތިއާގޯ އަށް ނުކުޅެވޭނެހެން. ރަނގަޅަކަށް ނުވެސް ހިނގޭ އޭނާ އަކަށް. އެއީ ރަނގަޅު ނިޝާނެއް ނޫން ކަންނޭނގެ، " މެޗައްފަހު ތިއާގޯގެ އަނިޔާއާ ބެހޭގޮތުން ކްލޮޕް ބުންޏެވެ.

ތިއާގޯ އަށް އަނިޔާވިއިރު ސެންޓަ ބެކް ނެދަލެންޑްސްގެ ވާޖިލް ވެން ޑައިކް އަދި ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ ވެސް ހުރީ އަނިޔާގައެވެ. މި ދެ ކުޅުންތެރިންވެސް ރޭގެ މެޗުގައި ނުކުޅެއެވެ. މުހިއްމު ގިނަ ކުޅުންތެރިން އަނިޔާގައި ތިބި އިރު ކްލޮޕް އަށް ލިބުނު ހިތްހަމަޖެހުމަކީ ފޯވަޑް މުހައްމަދު ސަލާހު އަނިޔާއިން ރަނގަޅުވެގެން އައިސް ކުޅުމުގައި ބައިވެރިވުމެވެ. ސަލާހް ވަނީ ވުލްވްސް މެޗުގެ ދެވަނަ ހާފުގައި ކުޅެން އަރައި ލިވަޕޫލް މޮޅުވި ގޯލް ޖަހައިފައެވެ.

ޗެމްޕިއަންސް ލީގު ފައިނަލް މެޗު އޮތީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އެވެ. ފްރާންސްގެ ޕެރިހުގައި ހުންނަ ޕެރިސް ސެއިންޓް ޖަމެއިންގެ ދަނޑުގައި ކުޅޭ ފައިނަލްގައި ލިވަޕޫލް ނުކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. މި ދެ ޓީމު 2018 ވަނަ އަހަރުގެ ފައިނަލްގައި ވެސް ވާދަކޮށްފައިވެއެވެ. އެފަހަރު 3-1 އިން މެޗު ކާމިޔާބު ކުރީ ރެއާލް އެވެ.