އިންގްލަންޑުގެ މެންޗެސްޓަ ސިޓީގެ ޑިފެންޑަރު ބެންޖަމިން މެންޑީގެ މައްޗަށް އުފުލާފައިވާ ރޭޕުގެ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފިއެވެ.

ފްރާންސްއާއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މެންޑީ، 27، ގެ މައްޗަށް ރޭޕުގެ ތުހުމަތު ކުރެވި އޭނާ ފުރަތަމަ ހައްޔަރު ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. މެންޑީގެ މައްޗަށް އުފުލާފައިވަނީ މުޅިއެކު 9 ދައުވާއެވެ. އޭގެ ތެރޭގައި ތަފާތު ހަ އަންހެނެއް ރޭޕް ކުރިކަމުގެ ހަތް ދައުވާއެއް ހިމެނެއެވެ. އިންގްލަންޑުގެ ޗެސްޓާގައި ހުންނަ ޗެސްޓާ ކްރައުން ކޯޓުގައި ކުރިއަށްދިޔަ އަޑު އެހުމުގައި މެންޑީ ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ހުރިހާ ދައުވާ ތަކަށް އިންކާރުކޮށްފައެވެ. މި މައްސަލައިގައި ގޮތެއް ނިންމުން އޮންނާނީ އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ ޓްރަޔަލްގެ ތެރެއިންނެވެ.

މިދިޔަ އަހަރު އޮގަސްޓު މަހުގެ ތެރޭގައި މެންޑީ ހައްޔަރު ކުރި ނަމަވެސް ފަހުން ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

ފްރާންސްގެ މޮނަކޯ އެފްސީ އިން ސަމާލުކަން ހޯދި މެންޑީ މެންޗެސްޓަ ސިޓީ އަށް ބަދަލުވީ 2017 އަހަރު އެވެ. ސިޓީ އާއެކު މެންޑީ ވަނީ ތިން ފަހަރު ޕްރިމިއަ ލީގު ކާމިޔާބުކޮށްފައެވެ. މެންޑީގެ މައްޗަށް ރޭޕުގެ ތުހުމަތު ކުރެވުމާއެކު ސިޓީން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ. އެހެންނަމަވެސް، އަދިވެސް މެންޑީ ހުރީ ސިޓީގެ ކޮންޓްރެކުޓުގައެވެ. ރިޕޯޓުތައް ބުނާގޮތުން މެންޑީގެ ކޮންޓްރެކްޓާ މެދު ސިޓީން ގޮތެއް ނިންމާނީ ކޯޓުން ވަކި ގޮތެއް ނިންމުމުންނެވެ.

ފަހަކަށް އައިސް ވަރަށް ގިނައިން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ މިފަދަ މައްސަލަތައް ފެންމަތިވެފައިވެއެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު ގެވެށި އަނިޔާ ކުރިކަމުގެ އަދި ރޭޕްގެ މައްސަލައެއްގައި މެންޗެސްޓަ ޔުނައިޓެޑުގެ ފޯވަޑް މޭސަން ގްރީންވުޑް ވެސް ހައްޔަރުކުރެވުނެވެ.