ލީގް މެނޭޖާސް އެސޯސިއޭޝަނުން ހޮވާ އިނގިރޭސި ޕްރިމިއަ ލީގް ސީޒަނުގެ އެންމެ މޮޅު ކޯޗަކަށް ލިވަޕޫލްގެ ޔާގަން ކްލޮޕް ހޮވިއްޖެއެވެ.

އެލްއެމްއޭ ގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޮވަނީ ކޯޗުން ދޭ ވޯޓުންނެވެ. މިއީ މި އެވޯޑު ކްލޮޕް ހޯދި ފުރަތަމަ ފަހަރެވެ. އެލްއެމްއޭގެ އެވޯޑުގެ އިތުރުން ޕްރިމިއަ ލީގުގެ އެންމެ މޮޅު ކޯޗަކަށް ވެސް މިފަހަރު ހޮވުނީ ކްލޮޕް އެވެ. އެވޯޑަށް ކްލޮޕްއާ ވާދަކުރީ މެންޗެސްޓަ ސިޓީގެ ކޯޗު ޖޯސެފް ގާޑިއޯލާ އާއި ބްރެންޓްފޯޑުގެ ކޯޗު ތޯމަސް ފްރޭންކާއި، ނިއުކާސަލް ޔުނައިޓެޑުގެ ކޯޗް އެޑީ އަދި ކްރިސްޓަލް ޕަލަސްގެ ކޯޗް ޕެޓްރިކް ވިއެރާ އެވެ.

" ކޯޗުން ދޭ ވޯޓް ތަކުން އަހަންނަށް މި އެވޯޑް ލިބުނީމަ މިއަށްވުރެ ވަކި ބޮޑު ކާމިޔާބީއެއް ލިބޭނެހެނެއް ހިއެއް ނުވޭ. އަހަންނަކީ އިންޑިވިޖުއަލް އެވޯޑުތަކަށް މާ ބޮޑު އަހައްމިޔަތު ކަމެއް ދޭ މީހެއް ވެސް ނޫން. މިއީ ޓީމް ކުޅިވަރެއް. އަހަރެންގެ ކުޅުންތެރިންގެ ހިތްވަރާއި މަސަތްކަތާ ނުލައި މި އެވޯޑެއް އަހަންނަކަށް ނުވެސް ލިބޭނެ، " ކްލޮޕް ބުންޏެވެ.

ކްލޮޕް އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދިއިރު މެންޗެސްޓަ ސިޓީގެ ފަހަތުން ލިވަޕޫލް ނިންމާލަން ޖެހުނީ ލީގުގެ ދެވަނައިގައެވެ. ޕޮއިންޓެއްގެ ފަރަގުން ލިވަޕޫލަށް ލީގު ގެއްލުނު ނަމަވެސް މި ސީޒަނަކީ ޖުމްލަ ގޮތެއްގައި ލިވަޕޫލަށް ކާމިޔާބު ސީޒަނެކެވެ. އެ ޓީމުން ވަނީ ޗެލްސީ ބަލިކޮށް އިނގިރޭސި ލީގު ކަޕާއި އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. އަދި އަންނަ ހޮނިހިރު ދުވަހު ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ލިވަޕޫލް ވާދަކުރާނެއެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅޭ ފައިނަލުގައި ލިވަޕޫލް ނުކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ސްޕެއިނުގެ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.