"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިރޭ ފެށި އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ތިން ވަނަ މެޗް ފްރެންޑްސް ކްލަބް ޓީމުން ކާމިޔާބުކޮށްފިއެވެ.

މިމެޗު ފްރެންޑްސް ކްލަބް އިން ކާމިޔާބު ކުރީ ނެކްސަސް އާއި ބައްދަލު ކޮށް 3-5 ގެ ނަތީޖާ އަކުންނެވެ.

ނެކްސަސް ޓީމުގެ ކުޅުންތެރިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މިމެޗުގެ ފުރަތަމަ ހާފުގައި ފްރެންޑްސް ކްލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ވެސް ފްރެންޑްސް ކްލަބުންނެވެ. މި ލަނޑު ފްރެންޑްސް ކްލަބް އަށް ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަމްބަރު 22 އަބްދުﷲ ރިޝްމީން އެވެ.

ފުރަތަމަ ހާފުގައި ފެނުނު ދެވަނަ ލަނޑު ވެސް ކާމިޔާބު ކުރީ ފްރެންޑްސް ކްލަބް އިންނެވެ. ފްރެންޑްސް ކްލަބުގެ ޖާޒީ ނަމްބަރު 11 އަހްމަދު ޒަވާލް ނާޒިމްގެ ލަނޑަށް ފަހު ފުރަތަމަ ހާފު ނިމިގެން ދިޔައީ އެޓީމު ލީޑުގައި އޮވެއެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ހުސެއިން ލަތީފް ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ނެކްސަސް އާއި ފްރެންޑްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ނެކްސަސްގެ ފުރަތަމަ ގޯލު އަހުމަދު ރިމާޒް ކާމިޔާބުކޮށްދިން ނަމަވެސް މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ހަސަން އައްސަދު ވަނީ ފްރެންޑްސްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ފްރެންޑްސް ކްލަބުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިން ޒަވާލްއެވެ.

މި މެޗުގައި ނެކްސަސް އިން ދެން ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ފަސާހުގެ އިތުރުން މުހައްމަދު ދާނިޝް އިބްރާހިމްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކޮށްދެނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މި މެޗުން ފްރެންޑްސް ކްލަބު މޮޅުވިއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ހަސަން އައްސަދުއެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.