ޕޮލެންޑްގެ ތަރި ރޮބާޓް ލެވަންޑޯސްކީ ބާސެލޯނާ އަށް ވިއްކާލި ނަމަވެސް އޭނާ ނެތް ތަން ފޫބައްދަން މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުގެންނާނެ ކަމަށް ބަޔާން އިން ބުނެފިއެވެ.

ބަޔާން އިން ވަނީ ލެވަންޑޯސްކީ 33، 50 މިލިއަން ޑޮލަރަށް ބާސެލޯނާ އަށް ވިއްކާލައިފައެވެ. ލެވަންޑޯސްކީ މިހާރު ވަނީ ބަޔާންގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ވެސް އަލްވަދާއު ކިޔައިފައެވެ. ބަޔާން އިން އެ ޑީލް ނިންމިއިރު، މީގެ ދުވަސްތަކެއް ކުރިން އެ ކުލަބުން ވަނީ ލިވަޕޫލްގެ ސާޑިއޯ މާނޭ ގެނެސްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ރޮނާލްޑޯ ބޭނުން ވަނީ ޗެމްޕިއަންސް ލީގު ކުޅޭ ޓީމަކަށް ބަދަލުވާށެވެ. އެގޮތުން ރޮނާލްޑޯ ބަޔާން އަށް ގެންދަން އުޅޭ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ.

އެކަމަކު، ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމްދްޒިޗް ބުނީ އުމުރުން 37 އަހަރުގެ ރޮނާލްޑޯ ބަޔާން އަށް ގެންދިއުމުގެ ޝައުގުވެރިކަމެއް އެ ކުލަބުގައި މިވަގުތު ނެތް ކަމަށެވެ.

"އަހަރެން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަރަށް ބޮޑަށް އިހްތިރާމް ކުރަން އޭނާގެ ކެރިއަރަށާއި ކާމިޔާބީތަކަށް. އެކަމަކު، ތަކުރާރުކޮށް ބުނަން ޖެހޭނީ އެއީ އަހަރުމެންގެ މައުޟޫއުގެ ތެރޭގައި ހިމެނޭ ވާހަކައެއް ނޫނޭ،" ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު މީޑިއާއަކަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދާދި ފަހުން ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ކުލަބަކުން ހުށަހެޅި 275 މިލިއަން ޑޮލަރުގެ އޮފާ ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހޫނު މޫސުމުގެ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ރޮނާލްޑޯ ވަނީ ބޭނުންވެފައެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ވަނީ އެއީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޓެން ހާގްގެ ޕްލޭންގައި ރޮނާލްޑޯ ހިމެނެއެވެ.

މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް 24 ގޯލް ޖަހައިދީފައެވެ. އަދި ޕްރިމިއާ ލީގަށް އޭނާ ކުޅެދިން 30 މެޗުގައި 18 ގޯލް ވެސް ކާމިޔާބުކޮށްދީފައިވެއެވެ. ތޭރަ އަހަރަށް ފަހު ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮގުބާ

    ރޮނާލްޑޯ ގެންދަން ބޮޑެތި ކުލަބުތަކުން ބޭނުންވިޔަސް ނުގެންދެވޭނެ ސަބަބަކީ ރުފިޔާ ނެތުން މެސީއަށް ވެސް އެދުވަސް އަންނާނެ މެސީގެ ސަންދޯކެއް ބޭނުމެއް ނުވާނެ ފުޓްބޯޅަ ކުޅޭކަށް

    5
    1