މެންޗެސްޓަ ސިޓީ އަށް ކުޅެމުން އަންނަ ޔޫކްރެއިންގެ ޑިފެންޑަރު އޮލެކްސަންޑްރާ ޒިންޗެންކޯ ވިއްކާލާނެ އަގަކާ މެދުގައި ސިޓީ އާއި އާސެނަލްއާ ދެމެދު އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އާސެނަލް އިން ޒިންޗެންކޯ ގަންނާނީ ސިޓީ އަށް 35 މިލިއަން ޑޮލަރު ދީފައެވެ. އެ އަގަށް ސިޓީން މިހާރު އެއްބަސްވެފައިވާ ކަމަށްވެއެވެ. އަދި މިހާރު ކުރިއަށް ދަނީ ޒިންޗެންކޯ އާއި އާސެނަލްއާ ދެމެދު އެއްބަސްވުމެއް ގާއިމު ކުރުމުގެ މަސައްކަތް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޒިންޗެންކޯގެ ސޮއި އާސެނަލް އިން ހޯދައިފި ނަމަ، އޭނާ ވެގެންދާނީ މި ހޫނު މޫސުމުގެ ޓްރާންސްފާގައި އާސެނަލް އަށް ގެނައި ފަސް ވަނަ ކުޅުންތެރިޔާއަށެވެ. އެންމެ ފަހުން އާސެނަލް އަށް ގެނެސްފައި ވަނީ މެންޗެސްޓަ ސިޓީ އަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖެސުސްއެވެ.

އަދި ޒިންޗެންކޯ ގޮސްފި ނަމަ، ސިޓީން ގެންނާނީ ބްރައިޓަން އަށް ކުޅޭ ޑިފެންޑަރު މާކް ކުކުރެލާ ކަމަށް ބެލެވެއެވެ. ސިޓީން އެ ކުޅުންތެރިޔާ އަށް ޝައުގުވެރިވެގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެއެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ އެ ކުލަބު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް ބަދަލުތައް ޓީމުން ފެންނާނެ ކަމަށް ވެސް އާޓެޓާ ބުނެފައިވެއެވެ.

ޒިންޗެންކޯ ވަނީ ސިޓީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ވެސް ކުރިން ދީފައެވެ. މިދިޔަ ސީޒަންގައި ޒިންޗެންކޯ ސިޓީ އަށް ކުޅެދީފައި ވަނީ އެންމެ 15 މެޗެވެ.

ޒިންޗެންކޯ އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ސިޓީއަށް ކުޅެމުންނެވެ. ޒިންޗެންކޯ ވަނީ މިހާތަނަށް ސިޓީ އަށް 127 މެޗު ކުޅެދީފައެވެ. އަދި ސިޓީ އަށް ހަތަރު ޕްރިމިއާ ލީގު ތަށި ހޯދައި ދިނުމުގައި ޒިންޗެންކޯގެ ވެސް ދައުރު އެބައޮތެވެ.

ޒިންޗެންކޯ ހޯދުމަށް އާސެނަލްގެ އިތުރުން އާސެނަލް އާއި ވެސްޓްހަމް ޔުނައިޓެޑާއި އެވަޓަން އިން ވެސް މަސައްކަތް ކުރެއެވެ.

ޒިންޗެންކޯ ފުރަތަމަ އޭނާގެ ކެރިއަރު ފެށީ އެޓޭކިން މިޑްފީލްޑަރެއްގެ ރޯލުންނެވެ. އެކަމަކު ސިޓީގެ ކޯޗު ކަމާ ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން އޭނާ ބޭނުންކޮށްފައި ވަނީ ވާތް ފަރާތުން ފަހަތަށް ކުޅޭ ޑިފެންޑަރެއްގެ ގޮތުގައެވެ.

އުމުރުން 25 އަހަރުގެ ޒިންޗެންކޯ ވަނީ ޔޫކްރެއިންގެ ގައުމީ ޓީމަށް 52 މެޗު ކުޅެދީފައެވެ. ދެހާސް ސޯޅަ ވަނަ އަހަރު ޒިންޗެންކޯ ޖެހި ލަނޑާއެކުގައި އޭނާ ވެފައި ވަނީ ޔޫކްރެއިނަށް ލަނޑު ޖަހައި ދިން އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އެ ރިކޯޑު މީގެކުރިން އޮތީ އަންޑްރީ ޝެވްޗެންކޯ އަތުގައެވެ.