ޓޮޓެންހަމް ހޮޓްސްޕާ އިން ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ފޯވާޑް މެންފިސް ޑިޕޭ ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޑިޕޭ ހޯދުމަށް ޓޮޓެންހަމް އިން މަސައްކަތް ފަށާފައި ވަނީ އޭނާ ދޫކޮށްލަން ބާސެލޯނާއިން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ޓޮޓެންހަމް އިން އޭނާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ބާސެލޯނާ އިން ރޮބާޓް ލެވަންޑޯސްކީ ގެނައުމާއެކު، މެންފިސް ޑިޕޭއަށް ބާސާގެ ޓީމުން ޖާގަ ހޯދުމަށް އުނދަގޫވާނެ ކަމަށް ބެލެވެއެވެ. މިއާއެކު، ރިޕޯޓްތައް ބުނާގޮތުން ޑިޕޭ ބޭނުންވަނީ މިވަގުތު ބާސާ ދޫކޮށްލުމަށެވެ.

އުމުރުން 28 އަހަރުގެ ޑިޕޭ ބާސާއަށް ބަދަލުވެފައި ވަނީ މިދިޔަ ސީޒަނުގައި ލިޔޯން ދޫކޮށްލުމަށްފަހު އެވެ. މިގޮތުން އޭނާ ވަނީ ބާސާއަށް މިހާތަނަށް ކުޅުނު 38 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ދެ ސީޒަން ކުޅެފައިވާ ޑިޕޭ ވަނީ ލިޔޯންގައި ފަސް ސީޒަން ހޭދަކުރުމުގެ އިތުރުން ޕީއެސްވީގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އޭނާ ވަނީ ޕީއެސްވީއާއެކު ކާމިޔާބީތަކެއް ހޯދާފައެވެ.

ނެދަލޭންޑްސް ގައުމީ ޓީމަށް ކުޅުނު 80 މެޗުގައި 42 ލަނޑު ކާމިޔާބުކޮށްފައިވާ ޑިޕޭ ވަނީ އެޓީމާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދުމުގެ އިތުރުން 2011 ވަނަ އަހަރު 17 އަހަރުން ދަށުގެ ޔޫރޯ ވެސް ކާމިޔާބުކޮށްފައެވެ.