"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ދެވަނަ މެޗު އުސްގަނޑަ އެފްސީން ކާމިޔާބުކޮށްފިއެވެ.

މި މެޗު އުސްގަނޑަ އެފްސީން ކާމިޔާބުކުރީ ވިނިންގް ފައިވް އާއި ބައްދަލުކޮށް 2-7 އިންނެވެ.

އުސްގަނޑަ އެފްސީ އާއި ވިނިންގް ފައިވް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހިތަދޫ މަނިކު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ޑޮމިނޭޓްކޮށްގެން ކުޅުނީ އުސްގަނޑަ އެފްސީން ކަމަށްވާއިރު މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ގޯލު އުސްގަނޑަ އެފްސީ އަށް ކާމިޔާބުކޮށްދިނީ އަހުމަދު ތޮލާލްއެވެ.

މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން އުސްގަނޑަ އެފްސީ އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން އެޓީމުން ފޮނުވާލި ތިން ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ވިނިންގް ފައިވްގެ ކީޕަރު ވެސް ވަނީ އެއް ހަމަލާ ދިފާއުކޮށްފައެވެ.

އުސްގަނޑަ އެފްސީ އާއި ވިނިންގް ފައިވް ބައްދަލުކުރި މެޗުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އުސްގަނޑަ އެފްސީން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު އަހުމަދު އައިހަމް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ހަސަން ވިއާމް މަންސޫރު ވަނީ ވިނިންގް ފައިވް ޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު އެޓީމަށް ކުޑަކޮށްދީފައެވެ.

ނަމަވެސް އިސްމާއިލް ފާތިހު އާއި އަހުމަދު އައިހަމް ކައިރިކައިރީ ކާމިޔާބުކުރި ދެ ގޯލާއެކު އުސްގަނޑަ އެފްސީން ވަނީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އުސްގަނޑަ އެފްސީގެ ފަސްވަނަ ގޯލު އަހުމަދު ތޮލާލް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ލިރުއާމްއެވެ. ވިނިންގް ފައިވްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ޖައިލަމްއެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާ އަށް އިނާމު ހަވާލުކޮށްދެނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ތަފާތު ބޮޑު ނަތީޖާއަކުން އުސްގަނޑަ މިރޭގެ ދެވަނަ މެޗު ކާމިޔާބުކުރިއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އުސްގަނޑަ އެފްސީ އަށް ދެ ގޯލު ކާމިޔާބުކޮށްދިން ލިރުއާމްއެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.