އާސެނަލްގެ ޕޯޗުގަލް ލެފްޓްބެކް ނޫނޯ ޓަވަރޭޒް ލޯން އެއްބަސްވުމެއްގެ ދަށުން މާސޭއަށް ބަދަލުވެއްޖެއެވެ.

އާސެނަލް އިން ބުނީ، އުމުރުން 22 އަހަރުގެ ޓަވަރޭޒް "ސީޒަން-ލޯންގް ލޯން" އެއްގެ ދަށުން މާސޭއަށް ދޫކޮށްފައިވާ ކަމަށާއި، އޭނާއަށް ކާމިޔާބީއަށް އެދޭ ކަމަށެވެ.

މި ޓްރާންސްފާގައި ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތް ކުރަމުން އައި ޓަވަރޭޒް ދޫކޮށްލަން އާސެނަލް އިން ނިންމާފައި ވަނީ މެންޗެސްޓާ ސިޓީގެ އޮލެކްސަންޑްރާ ޒިންޗެންކޯ އެ ކްލަބަށް ގެނައުމަށް ފަހުއެވެ.

ބެންފީކާއިން 2019 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ކެރިޔަރު ފެށި ޓަވަރޭޒް ވަނީ އެ ކްލަބުގައި ދެ ސީޒަން ހޭދަކޮށްފައެވެ. އޭނާ އެ ކްލަބް ދޫކޮށް އާސެނަލްއަށް ބަދަލުވެފައި ވަނީ މިދިޔަ ސީޒަނުގައެވެ.

އާސެނަލްގައި ޓަވަރޭޒް ހޭދަކުރި މުއްދަތުގައި އޭނާ ވަނީ 28 މެޗު ކުޅެ، އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ޕޯޗުގަލްގެ ސީނިއާ ޓީމަށް މެޗެއް ކުޅެފައި ނުވާ ޓަވަރޭޒް ވަނީ ޕޯޗުގަލްގެ ޒުވާން ޓީމުތަކަށް ކުޅެފައެވެ.