ރޭ އިނގިރޭސި ޕްރިމިޔަރ ލީގުގައި ނިއު ކާސަލް ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބުކޮށްފިއެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މިމެޗު އާސެނަލުން ކާމިޔާބުކުރީ 0-2ގެ ނަތީޖާއަކުންނެވެ.

ލީގު ތާވަލުގެ ދެވަނައިގައި އޮތް އާސެނަލުން ރޭގެ މެޗު ފަށައިގެން އެޓީމުގެ އަސްލު ފެންވަރު ދައްކަމުން ދިޔައިރު، ފުރަތަމަ ހާފުގައި ނިއުކާސަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވަނީ އަމާޒުކޮށްފައެވެ. ފުރަތަމަ ހާފުގައި ގޯލާއި އަމާޒުކޮށް ފަސް ހަމަލާ ފޮނުވާލިއިރު މީގެން އެއް ހަމަލާ ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގެ 14 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގާދިނީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑުއެވެ. ގިނަ ވަގުތު ތަކެއް ވަންދެން ނިއުކާސަލްގެ ގޯލަށް ހަމަލާއެއް އުފެއްދުމަށް ކުރަމުން ދިޔަ މަސައްކަތް ކަމިޔާބު ކުރީ ޕެނަލްޓީ އޭރިޔާގެ ބޭރުން ޖޯޖީނިއޯ ދިން ޕާހަކުން ސީދާ ގޯލު ތިރީ ކަނަށް ފޮނުވާލި ބާރުހަމަލާއިންނެވެ.

ފުރަތަމަ ހާފުގައި ނިއުކަސަލުން އާސެނަލްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް ގޯލު އަރިމަތީ ދަނޑީގައި ޖެހި ވަނީ ނާކާމިޔާބުވެފައެވެ. ވަރަށް ހުސްކޮށް އާސެނަލްގެ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުރެ މި ހަމަލާ ފޮނުވާލީ ޖޭކޮބް މާފީއެވެ. އާސެނަލަށް ވެސް ފުރަތަމަ ހާފުގައި ލީޑު ފުޅާ ކުރުމަށް ރަނުގެ ފުރުސަތެއް ލިިބި ވަނީ ނާކާމިޔާބުވެފައެވެ. ނިއުކާސަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު އޮޑެގާޑް ގޯލަށް ފޮނުވާލި މި ހަމަލާ ކީޕަރުގެ ފައިގަ ޖެހި އަނބުރާ ކުޅުމުގެ ތެރެއަށް ދިޔައެވެ.

ދެވަނަ ހާފު ފަށައިގެން ނިއުކާސަލުން އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާ އަކެއް ވަނީ އަމާޒުކޮށްފައެވެ. ދެވަނަ ހާފުގެ ވަރަށް ކުރީ ކޮޅު ލިބުނު މި ހަމަލާ އާސެނަލްގެ ގޯލު އަރިމަތީ ދަނޑީގައި ޖެހި އަނބުރާ ކުޅުމުގެ ތެރެއަށް ވަނީ އައިސްފައެވެ. އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން ނިއުކާސަލަށް ވަނީ އާސެނަލްގެ ޕެނަލްޓީ އޭރިޔާ ކައިރިން ހިލޭޖެހުމެއްވެސް ލިބިފައެވެ. ޓްރިޕިއާ ނަގާދިން މި ހިލޭ ޖެހުން ހުސްކޮށް އަރާ ވިލްސަން ގޯލަށް ފޮނުވާލި ނަމަވެސް އާސެނަލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގައި އާސެނަލްގެ ދެވަނަ ގޯލަކީ ނިއުކާސަލްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ. އާސެނަލްގެ ހާފު ތެރެއިން ލިބުނު ބޯޅަ އާކުގޮސް ނިއުކާސަލްގެ ގޯލު ކައިރިން ގެބްރިއަލް މާޓިނެލީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނިއުކާސަލްގެ ފަބިއަން ސެޗަރ ފައިގައި ޖެހިފައެވެ.

މި މެޗުގެ ނަތީޖާއާއި އެކުވެސް ތާވަލަށް ބަދަލެއް އައިސްފާ ނުވާއިރު، ކުޅުނު 35 މެޗުން ލިބުނު 81 ޕޮއިންޓާއެކު އާސެނަލް އޮތީ ތާވަލުގެ ދެވަނަގައެވެ. ކުޅުނު 34 މެޗުން ލިބުނު 65 ޕޮއިންޓާއެކު ނިއުކާސަލް ތާވަލުގެ ދެވަނަގައި އޮތް އިރު، ކުޅުނު 34 މެޗުން ލިބުނު 82 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީ އޮތީ ތާވަލުގެ އެއްވަނައިގައެވެ.